ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓްތައް ދޫކޮށްލި މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

ޔާމީންގެ އެކައުންޓްތައް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފްރީޒް ކޮށްފައި ވަނިކޮށް ހައި ކޯޓުން މިދިޔަ އަހަރުގެ މާޗް މަހު އެކައުންޓްތައް ދޫކޮށްލީ ޖިނާއީ އިޖްރައާތުގެ ގާނޫނާ ޚިލާފަށް ފުލުހުން އަމަލު ކޮށްފައިވާތީ އެވެ. އެއީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނާ ސަވައިލް ކުރުމުގެ އަމުރު ހޯދުމެއް ނެތި އެކައުންޓް ފްރީޒް ކުރުމުގެ އަމުރު ހޯދާފައިވާތީ އެވެ. ޔާމީންގެ އެކައުންޓްތަކުގެ ތެރެއިން މިހާރު ފްރީޒް ކޮށްފައި އޮތީ އެންމެ އެކައުންޓެކެވެ.

ހައި ކޯޓުން އެ ނިންމުން އިސްތިއުނާފްކޮށް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނަމުން ދަނީ ބޭންކިން ގާނޫނުގެ ދަށުން ތަހުގީގީ އިދާރާތަކުން ބަލާ ބެލުންތަކަށް ފަހު ސަވައިލް ކުރުމުގެ އަމުރުގެ އަމުރެއް ނެތި ވެސް އެކައުންޓް ފްރީޒް ކުރުމުގެ އަމުރެއް ހޯދިދާނެ އެވެ. އެއީ ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން އިސްތިސްނާ ހާލަތެއް ކަމަށާއި ޔާމީންގެ މައްސަލާގައި ވެސް އަމަލުކުރީ އެގޮތަށް ކަމަށް ދައުލަތުން ބުންޏެވެ.

ޔާމީން ވިދާޅުވީ ކަސްޓަމަރުންނާއި ބޭންކާ ދެމެދު އޮންނަ އިތުބާރު ގެއްލޭ ގޮތަށް އަމަލު ކުރެވިދާނެ ކަމަށް ބުނެ ގާނޫނު މާނަކޮށްގެން ދައުލަތަށް ވާހަކަ ދެއްކޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ހުރިހާ އެކައުންޓެއް ފްރީޒްކުރީ ފުލުހުން ތުހުމަތު ކުރާ އެއް މިލިއަން ޑޮލަރު ވަކި އެކައުންޓެއްގައި ބަހައްޓާފައި ވަނިކޮށް ކަމަށާއި އެ ފައިސާ ގެއްލިގެން ދިއުމުގެ ބިރެއް ނެތީސް، އެމަނިކުފާނުގެ ހުރިހާ އެކައުންޓެއް ފްރީޒްކުރީ ކަމަށް ޔާމީން ވިދާޅުވި އެވެ.

އެ މައްސަލާގެ އަޑުއެހުންތައް ނިންމާލިކަން އިއުލާން ކުރެއްވުމަށް ފަހު، ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.