އިލޮން މަސްކުގެ ސްޕޭސް އެކްސް ސްޓާލިންކް ސެޓެލައިޓުތައް އަނބުރާ ބިމަށް ވެއްޓޭ ސަބަބު ދިރާސާކޮށްފި އެވެ.

ނާސާގެ ގޮޑާޑް ސްޕޭސް ފްލައިޓް ސެންޓަރުގެ ޑެނީ އޮލިވެއިރާ އިސްވެ ކުރި ދިރާސާއަކުން ހާމަވާގޮތުގައި އެ ސެޓެލައިޓުތައް ވެއްޓެނީ، އިރުގެ ހަރަކާތްތެރިކަން އިތުރުވުމުގެ ސަބަބުން ސްޕޭސްއެކްސްގެ ސްޓާލިންކް ސެޓެލައިޓްތަކުގެ ލައިފްސްޕޭން ކުރުވާތީ އެވެ.

މި ދިރާސާގައި 2020 އިން 2024 އަށް ބިމުގެ މަތީ ޖައްވަށް އަނބުރާ ވަދެފައިވާ 523 ސްޓާލިންކް ސެޓެލައިޓް ދިރާސާކޮށްފައިވެ އެވެ. މި މުއްދަތަކީ އިރުގެ 11 އަހަރުގެ ދައުރުގެ ތެރެއިން އެންމެ ހަރަކާތްތެރި މުއްދަތު ކަމަށްވާ "ސޯލާ މެކްސިމަމް" އަށް ކައިރިވަމުންދިޔަ ދުވަސްވަރުކަން ފާހަގަކޮށްފައިވެ އެވެ.

ދިރާސާގެ ނަތީޖާއިން ދައްކާގޮތުގައި، އިރުގެ ހަރަކާތްތެރިކަމުގެ ސަބަބުން ބިމުގެ މަތީ ޖައްވު ހޫނުވެ، ފުޅާވެގެންދެ އެވެ. މީގެ ސަބަބުން ސެޓެލައިޓްތަކަށް ކުރިމަތިވާ ދަތިތައް އިތުރުވެ، އެ ސެޓެލައިޓްތަކުގެ އުމުރު ކުރުވެގެންދާކަމަށް އޮލިވެއިރާ ބުނެފައިވެ އެވެ.

މި ދިރާސާގެ ނަތީޖާތަކުން އަދި ރަސްމީކޮށް ޕިއާ ރިވިއު ކުރެވިފައެއް ނުވެ އެވެ. އަދި މި ކަމަކީ ސެޓެލައިޓްތަކުގެ އަދަދު އިތުރުވަމުންދާ މި ދަނޑިވަޅުގައި ސަމާލުކަން ދޭންޖެހޭ މުހިންމު މައްސަލައެއްކަން ފާހަގަކޮށްލެވެ އެވެ.