މުޅި މާލެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް ކެނޑުނުތާ ހަ ގަޑިއިރުފަހުން ކަރަންޓު އަލުން ދީފި އެވެ.
ސްޓެލްކޯއިން ބުނީ މިހާރު މާލެ ހުރިހާ ތަނަކަށް ކަރަންޓު ދެވިފައިވާ ކަމަށެވެ.
މާލެ އާއި ހުޅުމާލެއިން އެއްކޮށް ކަރަންޓު ކެނޑުނީ މިއަދު މެންދުރު 12:30 އެހާއިރު އެވެ. ކަރަންޓުގެ ހިދުމަތް ކެނޑުނުތާ ގަޑިއިރުތަކެއް ފަހުން މިއަދު 2:30 އެހާއިރު ވަނީ މާލޭގެ ދެ ހޮސްޕިޓަލަށް ކަރަންޓު ދެވޭނެ އިންތިޒާމް ހަމަޖައްސާފަ އެވެ. އޭގެ ފަހުން ހަވީރު 4:30 ގައި މާލޭގެ 60 ޕަސެންޓަށް ކަރަންޓު ދޫކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފަ އެވެ.
ކަރަންޓު ކެނޑުނު މައްސަލައާ ގުޅިގެން ސްޓެލްކޯ އިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްމިޝަން އެންޑް ޑިސްޓްރިިބިއުޝަން ޑިޕާޓްމެންޓްގެ ޖެނެރަލް މޭނަޖަރު އިބްރާހިމް ނާޝިދު ވިދާޅުވީ ކަރަންޓު ކެނޑުނީ ހުޅުމާލެ އާއި މާލެ ގުޅުވައިދޭ އިންޓަކަނެކްޝަނަށް ދިމާވި މައްސަލައާ ގުޅިގެން ކަމަށެވެ.
މިހާރު އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މާލޭގެ ހުރިހާ ސަރަހައްދަކަށް ވަނީ ކަރަންޓު ދީފަ އެވެ. ކަރަންޓު ދިނުމަށް އެނަޖައިޒް ކުރެވިފައި ނުވަނީ ހުޅުމާލޭ ރުއްގަނޑު އެކެއްގައި ހުރި ޓްރާންސްފޯމަރެއް ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
ހުޅުމާލެ ޓްރާންސްފޯމަރު ހުރި ސަރަހައްދެއް ފިޔަވައި އެހެން ސަރަހައްދެއްގައި ހުރި ގެއެއްގައި ކަރަންޓު ނެތް ނަމަ އެ ކުންފުނީގެ އިމަޖެންސީ ނަންބަރ، 104 އަށް ގުޅަން ސްޓެލްކޯއިން ވަނީ އެދިފަ އެވެ.
ކަރަންޓު ކެނޑުމާ ގުޅިގެން ރައީސް މުހައްމަދު މުއިއްްޒު ވަނީ މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ފުލުހުން ވަނީ ކަރަންޓު ކެނޑުނު މައްސަލަ ތަހުގީގުކުރަން ފަށާފަ އެވެ.
މީގެ އިތުރުން ފުލުހުން ވަނީ މާލެ ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.