ކުރީ ސަރުކާރުން 4،000 ފްލެޓް ދޫކުރުމުގެ ލިސްޓަށް ވަކި ބަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތުކުރެވޭ މައްސަލައިގައި، އޭރުގެ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި އިތުރު ތިން މީހަކަށް ދައުވާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.

މި މައްސަލައިގައި އަކްރަމްގެ އިތުރުން ދައުވާކުރުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރޭގައި، ކުރިން އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވްގެ މަޤާމުގައި ތިއްބެވި މުހައްމަދު އާރިފް އަދި ލިރުއާމް ވަހީދުގެ އިތުރުން، ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި އަހްމަދު ވިޝާން ނަސީމް ހިމެނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމާއި "ގެދޮރުވެރިޔާ" ސްކީމްގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނާ މައްސަލައިގައި މީގެ ކުރިން އަކުރަމްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފަ އެވެ. އެގޮތުން އެންމެ ފުރަތަމަ އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓީ 20 ޑިސެމްބަރުން ފެށިގެން 1 މަސްދުވަހުގެ މުއްދަތަކަށެވެ. އޭގެ ފަހުން މިއަހަރު ޖެނުއަރީ މަހު 19 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އެއްމަސް ދުވަހުގެ ނިޔަލަށް އޭނާ ފުރުން މަނާކޮށް ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެފައި އެވެ.

މައްސަލައިގެ ތަހުގީގަށް އެއް އަހަރު ވެގެންދާއިރު، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަށް ބާރުދޭ އެކަށީގެންވާ ހެކި ނެތް ކަމަށް އަދި ޕާސްޕޯޓް ހިފަހައްޓަން އެދުނު އިރު ވެސް އިތުރު އާ ހެކި ގަރީނާ ޝަރީއަތަށް ހުށަނާޅާ ކަމަށް އަކްރަމްގެ ފަރާތުން ޕާސްޕޯޓް ހިފެހެއްޓި މައްސަލައިގައި ކޯޓުގައި ފާހަގަކޮށްފައިވެ އެވެ.