އިންޑިއާއިން 242 މީހުންނާއެކު ލަންޑަނަށް ދަތުރު ކުރަމުންދިޔަ މަތިންދާ ބޯޓެއް ވެއްޓިއްޖެ އެވެ.
ބޯޓު ވެއްޓިފައިވަނީ އިންޑިއާގެ އަހުމަދުއާބާދުގެ ސަރުދާރު ވައްލަބްބައި ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލިތާ މާ ގިނައިރުތަކެއް ނުވަނީހެވެ. ލަންޑަނަށް ދަތުރުކުރި އެ ބޯޓުގައި 242 މީހުން ދަތުރުކޮށްފައިވާއިރު އޭގެ ތެރޭގައި 230 ފަސިންޖަރުންނާއި 12 ކްރޫ މެންބަރުން ހިމެނެ އެވެ.
ބޯޓުން ދަތުރުކޮށްފައިވަނީ އިންޑިއާގެ 169 މީހުންނާއި އިނގިރޭސި ވިލާތުގެ 53 މީހުންނާއި ކެނެޑާ މީހަކައި ޕޯޗްގީޒް ހަތް މީހެކެވެ.
މި ބޯޓު ވެއްޓުނީ އަހްމަދުއާބާދުގެ މެގަނީ ނަގަރް ސަރަހައްދަށެވެ.
މިހާރު މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބޯޓު ވެއްޓުނު ތަނުން އަރާ ބޯ ދުމާއި އަލިފާންގަނޑު ދުރަށް ފެނެ އެވެ. އަދި މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރާ މީހުންގެ އެހީއާ އެކު ބަޔަކު ހޮސްޕިޓަލަށް ގެންދާ މަންޒަރުތައް ވެސް ފެނިފައި ވެއެވެ.
އެ ބޯޓް ދަތުރުކުރީ އަހްމަދުއާބާދުން ލަންޑަނަށެވެ. އެއީ 12 ވަރަކަށް ގަޑި އިރުގެ ދަތުރެކެވެ.