ވިހެއުމަށްފަހު ބަރުދަން އިތުރުވުމުން އަމާޒުވަމުން އަންނަ ފާޑުކިޔުންތަކަށް ބޮލީވުޑްގެ މަޝްހޫރު ތަރި ބިޕާޝާ ބާސޫ ހޫނު ރައްދެއް ދީފި އެވެ.
މިފަހުން ބިޕާޝާގެ އިންސްޓަގްރާމް މެދުވެރިކޮށް ކުރި ކޮމެންޓެއްގައި އޭނާ ވަނީ ސޯޝަލް މީޑިއާގައި އޭނާއަށް އަމާޒުވާ ފާޑުކިޔުންތަކާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
ބިޕާޝާ ބުނީ އެފަދަ ފާޑުކިޔުންތަކުން އޭނާގެ މިޒާޖާއި ދިރިއުޅުމަށް މާ ބޮޑު ބަދަލެއް ނާންނަ ކަމަށާއި އެހެން ނަމަވެސް އެކަމުން އެނގިގެންދަނީ އަންހެނުންނާމެދު މުޖުތަމައު ދެކޭ ނާތަހުޒީބު ގޮތް ކަމަށެވެ.
އޭނާ މިހެން ބުނެފައިވަނީ ދަރިމައިވުމަށްފަހު މުޖުތަމައުގެ ފަރާތުން ކުރިމަތިވާ ފިއްތުންތަކުގެ ވާހަކަ ދައްކާ ރީލްއަކަށް ކުރި ކޮމެންޓެއްގަ އެވެ.
"މި ސާފު ބަސްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އިންސާނުންގެ ނަސްލަކީ މިހާ ނާތަހުޒީބު ބަޔަކަށް އަބަދު ނުވާނެ ކަމަށް އުއްމީދު ކުރަން" ބިޕާޝާ ބުނެފައިވެ އެވެ.
މިފަހުން ސޯޝަލް މީޑިއާގައި ވައިރަލްވި ބިޕާޝާގެ ފޮޓޯއަކާއެކު އެ ފޮޓޯ ބޭނުންކޮށްގެން މީމްތަކާއި އެ ނޫންވެސް ފުރައްސާރަ ކުރުމުގެ އެކި ޕޯސްޓްތައް އަންނަނީ ކުރަމުންނެވެ.
އެކްޓަރު ކަރަން ސިންހް ގްރޯވާއާ ކައިވެނި ކުރިތާ ހަ އަހަރު ފަހުން ބިޕާޝާ އޭނާގެ އަލަތު ދަރިފުޅު ވިހާފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.