ދިވެހިރާއްޖޭގެ ދައުލަތުން މިދިޔަ އަހަރު ޕެންޝަނަށް 1.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ނޭޝަނަލް ސްޓެޓިސްޓިކް ބިއުރޯގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

2023 ވަނަ އަހަރު މިކަމަށް 1.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ ހަރަދު 7 އިންސައްތަ އިތުރުވެފައިވެ އެވެ. ޕެންޝަން އެޑްމިނިސްޓްރޭޓިވް އޮފީހުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ނެޝަނަލް ސްޓެޓިސްޓިކް ބިއުރޯއިން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ރިޓަޔަމަންޓް ޕެންޝަންގެ ގޮތުގައި 165 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރު ދޫކުރި 146 މިލިއަން ރުފިޔާއާ އަޅާބަލާއިރު 13 އިންސައްތައިގެ ކުރިއެރުމެކެވެ.

ރިޓަޔަމަންޓް ޕެންޝަން ލިބުނު ފަރާތްތަކުގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މިދިޔަ އަހަރު އަންހެނުންނަށް 38 މިލިއަން ރުފިޔާ ދޫކުރިއިރު، ކުރީ އަހަރު ދޫކުރި އަދަދަކީ 27 މިލިއަން ރުފިޔާ އެވެ. ފިރިހެނުންނަށް މިދިޔަ އަހަރު 126 މިލިއަން ރުފިޔާ ދޫކުރިއިރު، ކުރީ އަހަރު މި އަދަދު ހުރީ 118 މިލިއަން ރުފިޔާގަ އެވެ.

އަސާސީ ޕެންޝަނަކީ އުމުރުން 65 އަހަރު ފުރިފައިވާ، ވަޒީފާއެއް ނުކުރާ އަދި ޕެންޝަން ސްކީމުން އެކަށީގެންވާ ފައިސާއެއް ނުލިބޭ ފަރާތްތަކަށް ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ދެވޭ އެހީއެކެވެ. މިދިޔަ އަހަރު އަސާސީ ޕެންޝަންގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، 2023 ވަނަ އަހަރު މި އަދަދު ހުރީ 1.2 ބިލިއަން ރުފިޔާގަ އެވެ. މިއީވެސް 7 އިންސައްތައިގެ އިތުރުވުމެކެވެ.

އަސާސީ ޕެންޝަނުން މިދިޔަ އަހަރު އަންހެނުންނަށް 638 މިލިއަން ރުފިޔާ، އަދި ފިރިހެނުންނަށް 635 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. މީގެ އިތުރުން އެހެނިހެން ޕެންޝަނަށް މިދިޔަ އަހަރު 364 މިލިއަން ރުފިޔާ ހަރަދުކުރިއިރު، ކުރީ އަހަރު މި އަދަދު ހުރީ 358 މިލިއަން ރުފިޔާގަ އެވެ.