އުމުރުން ކިތަންމެ ދޮށްޓަސް އަދިވެސް އޭނާއަކީ ޒުވާނެއް ކަމަށް އުމުރުން 80 އަހަރު ވެފައިވާ ބޮލީވުޑްގެ ވެޓެރަން ތަރި ދަރުމެންދްރާ ބުނެފި އެވެ.

11 ވަނަ ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ މުނާސަބަތުގައި ވާހަކަ ދައްކަމުން ދަރްމެންދްރާ ބުނީ އޭނާ މުސްކުޅިވެއްޖެ ކަމަށް ގިނަ މީހުން ބުނާ ކަމަށާއި އެހެން ނަމަވެސް އޭނާއަކީ އަދިވެސް ޒުވާނެއް ކަމަށެވެ.

އެގޮތުން ދުޅަހެޔޮ ދިގު އުމުރަކަށް ޔޯގާއަކީ ވަރަށް މުހިއްމު ކަސްރަތެއް ކަމަށާއި އޭނާގެ ސިއްހަތުގެ ފަހަތުގައި ވެސް ވަނީ ޔޯގާ ކަމަށް ދަރުމެންދްރާ ބުންޏެވެ.

އެއާއެކު އޭނާ ވަނީ ޔޯގާއަކީ ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ ކަމަކަށް ހެދުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ކުރެއްވި މަސައްކަތް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.

"އަހަންނަށް ފެންނަ ގޮތުގައި މިކަން ވައިގައި ހިފީ މޯދީ މިކަން ޕްރޮމޯޓް ކުރަން ފެށި ހިސާބުން. މިއީ މިހާރު އަހަރުމެންގެ ސަގާފަތް. މި ސަގާފަތް ކުރިއަށް އޮތް ޖީލުތަކަށް ދެމިގެންދާނެ،" ދަރްމެންދްރާ ބުންޏެވެ.

1970އާއި 80ގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލްމުތަކުން ފެނިގެންދިޔަ ދަރްމެންދްރާ އެންމެ ފަހުން ފެނިގެންދިޔައީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"އިންނެވެ.