މަޝްހޫރު ފިލްމު ޕްރޮޑަކްޝަން ކުންފުނި ޑިޒްނީއަކީ މާޒީގައި ކާމިޔާބު ޓޫ-ޑީ އެނިމޭޝަން ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ ކުންފުންޏެކެވެ.

އެހެން ނަމަވެސް ފާއިތުވި އަހަރުތަކުގައި އެ ކުންފުނިން ވަނީ ޓޫ-ޑީ އެނިމޭޝަން ދޫކޮށް ތްރީ ޑީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އެ ކުންފުނީގެ ފިލްމުތައް އުފައްދާފަ އެވެ.

އެގޮތުގައި އަހަރުތަކެއް ވޭތު ކުރުމަށްފަހު އެ ކުންފުނިން އަނެއްކާވެސް ޓޫ-ޑީ ސްޓައިލަށް އެނބުރި ދާން އުޅޭ ކަމުގެ އިޝާރާތެއް މިވަނީ ދީފަ އެވެ.

އެނެސީ އެނިމޭޝަން ފެސްޓިވަލްގައި ވާހަކަ ދައްކަމުން ޑިޒްނީގެ އާ ސީސީއޯ ޖެރާޑް ބުޝް ބުނީ ޓޫ-ޑީ އެނިމޭޝަންއަކީ އޭނާއަށް ވަރަށް ކަމުދާ ޓެކްނޮލޮޖީއެއް ކަމަށާއި އެ ކުންފުނީގެ ޓޫ-ޑީ އާޓިސްޓުން އާ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެ ވާހަކަ އެ ހިސާބަށް ބާއްވާނީ ކަމަށް ބުނެ އެކަމުގެ އިތުރު ތަފްސީލެއް އޭނާ ދީފައެއް ނުވެ އެވެ. އެހެން ނަމަވެސް އޭނާ އެ އިޝާރާތް ކުރީ އެ ކުންފުނިން ކުރިއަށް އޮތް ތަނުގައި ޓޫ-ޑީ ފިލްމުތަކެއް ނެރޭނެ ކަމަށް ކަމުގައި ގިނަ ބަޔަކު ދެކެ އެވެ.

މިއާއެކު ޑިޒްނީގައި މީގެ ކުރިން ހަރަކާތްތެރިވި އެނިމޭޝަން އާޓިސްޓުން މިހާރު އާޓިސްޓުންނަށް ތަމްރީނު ދޭން މަސައްކަތަށް ނުކުންނާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

"ސިންދްރެލާ"، "ސްނޯ ވައިޓް"، "ލިޓްލް މާމެއިޑް"، "ސްލީޕިންގް ބިއުޓީ" އަދި "ބިއުޓީ އެންޑް ދަ ބީސްޓް" ފަދަ ފިލްމުތަކަކީ ޑިޒްނީގެ މެޝްހޫރު ޓޫ-ޑީ މަސައްކަތްތަކެވެ.