ތިޔައީ އިންސްޓަންޓް ކޮފީއަށް ލޯބިކުރާ ފަރާތެއްނަމަ މިއީ ހިތާމަވެރި ހަބަރެކެވެ. އެއީ މި ދުނިޔޭގައި އަހަރުމެންނަށް ލިބިފައިވާ އެންމެ ބޮޑު އެއް ނިއުމަތް ކަމަށްވާ ލޮލުގެ ނޫރު ޖަހައިގަނެފާނެ އެއްޗެކެވެ.
މިފަހުން ހެދި ދިރާސާއަކުން އެނގުނު ގޮތުގައި ގަވާއިދުން އިންސްޓަންޓް ކޮފީ ބޯ މީހުންގެ ލޮލުގެ ފެނުން ގެއްލުމުގެ ފުރުސަތު އެ ނޫން މީހުންނަށް ވުރެ ބޮޑެވެ.
ޗައިނާގެ ހުބެއި ޔުނިވާސިޓީ އޮފް މެޑިސިންއިން ކުރިއަށްު ގެންދިޔަ މި ދިރާސާގައި ކޮފީގެ ސަބަބުން އުމުރާއެކު ލޮލުގެ ފެނުން ދަށްކުރާ ބައްޔެއް ކަމަށްވާ އޭޖް ރިލޭޓަޑް މެލިއުލާ ޑީޖެނެރޭޝަން (އޭއެމްޑީ) އަށް މަގުފަހިވެ އެވެ.
އެހެން ކަމުން މި ބަލީގެ ނުރައްކާ އޮތް މީހުން، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުން އިންސްޓަންޓް ކޮފީއިން ދުރުވެ ތިބުމަށް އެ ދިރާސާގައި އިރުޝާދު ދީފައިވެ އެވެ.
އާއްމުކޮށް 50 އަހަރުން މަތީގެ މީހުންނަށް ޖެހޭ ބައްޔެއް ކަމަށްވާ އޭއެމްޑީއަކީ ލޮލުގެ ފެނުން އެއްކޮށް ގެއްލޭ ބައްޔެއް ނޫން ނަމަވެސް އާއްމު ދިރިއުޅުމުގެ ކުދިކުދި ކަންކަން ކޮށް އުޅެން އުނދަގޫ ވާވަރަށް އެ ބަލިން ލޮލުގެ ފެނުން ދަށްކޮށްލަ އެވެ.
މިއީ އާއިލީ ގޮތުން ވާރުތަ ވުމުގެ ފުރުސަތު އޮތް ބައްޔަކަށް ވާއިރު ލޯ ނުސާފުވުން ފިޔަވައި މި ބަލީގެ މާ ބޮޑު އަލާމާތެއް ނުފެންނަ ކަމަށް ޑޮކްޓަރުން ބުނެ އެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ 200 މިލިއަނަށް ވުރެ ގިނަ މީހުން އޭއެމްޑީ ބަލި ތަހައްމަލު ކުރާއިރު 2040 ވަނަ އަހަރާ ހަމައަށް އެ އަދަދު 290 މިލިއަނަށް އިތުރުވުން އެކަށީގެންވެ އެވެ.
އެކި ބްރޭންޑްތަކުގެ އިންސްޓަންޓް ކޮފީއަކީ ދިވެހިންގެ މެދުގައި ވެސް މަގުބޫލު ބުއިމެއް ނަމަވެސް މި ބުއިމުން ލިބޭ ގެއްލުންތަކަށް ބަލާއިރު އެންމެ ރަނގަޅު ގޮތަކީ އެ ބޭނުންކުރުން ހުއްޓާލުމެވެ.