ހަކުރަކީ އަހަރުމެންގެ އާއްމު ދިރިއުޅުމުގައި ވަރަށް ގިނައިން ބޭނުން ކުރެވޭ ބާވަތެކެވެ. ވަކި ވަރަކަށްވުރެ ގިނައިން ބޭނުން ކުރެވޭ ނަމަ ސިއްހަތަށް ގެއްލުން ދެނިވި ބާވަތެކެވެ.

އެހެން ކަމުން ހަކުރާ ވީހާވެސް ދުރުވުމަށް ގިނަ ބަޔަކު މަސައްކަތް ކުރެ އެވެ. އެގޮތުގެ މަތިން 90 ދުވަހަށް ނަމަވެސް ހަކުރު ބޭނުން ކުރުން ހުއްޓާލައިފިނަމަ ހަށިގަނޑުން ބޮޑު ބަދަލުތަކެއް ފެންނާނެ އެވެ.

އިންޑިއާގެ ސީކޭ ބިރްލާ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ޑރ. މަނިޝް އަރޯރާ ވިދާޅުވީ ހަކުރު ހުއްޓާލުމަކީ ކެއިން ބުއިމުން ކާބޮހައިޑްރޭސް މުޅިން އުނިކުރުން ނޫން ކަމަށާއި އެއީ މޭޒުމަތީ ހަކުރު ފަދަ "އެޑަޑް ޝުގާ"އިން ދުރުވުން ކަމަށެވެ.

ގަވާއިދުން ހަކުރު ބޭނުން ކުރަމުން އައުމަށްފަހު ކުއްލިއަކަށް ހުއްޓާލުމުން "ވިތުޑްރޯވަލް"ގެ އަލާމާތްތައް ފެނުން އެކަށީގެންވާ ކަމަށް ޑރ. އަރޯރާ ވިދާޅުވި އެވެ. އެގޮތުން ބޮލުގައި ރިއްސުމާއި ވަރުދެރަވުމުގެ އިތުރުން ހަކުރު ކާހިތްވުމަކީ މިފަދަ އަލާމާތްތަކެވެ.

މިކަން މިހެން ދިމާވަނީ ހަކުރަކީ ހަށިގަނޑަށް އަވަސް ހަކަތަ ލިއްބައިދޭ ޒަރީއްއާއެއްގެ ގޮތުގައި ސިކުނޑިން ބަލައިގަނެފައިވާއިރު އެކަން ހުއްޓާލުމުން ކަމަށް ޑރ. އަރޯރާ ވިދާޅުވި އެވެ. މިކަމުން އަރައިގަންނަން ގާތްގަނޑަކަށް ތިން ހަފްތާ ހޭދަވާނެ އެވެ.

ހަކުރު ހުއްޓާލާތާ 90 ދުވަސް ފަހުން އެކަމުގެ އަސަރު ވަރަށް ފާޅުކޮށް ފެންނަން ފަށާއިރު އޭގެ ތެރޭގައި ބަނޑުގެ ސަރަހައްދުން ބަރުދަން ލުއިވުމާއި ހަންގަނޑު އޮމާން ވުމުގެ އިތުރުން އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުވުން ހިމެނެ އެވެ.

އެއާއެކު އަނގައިގެ "ޓޭސްޓް ބަޑް"ރީސެޓްވެ މޭވާ ފަދަ ގުދުރަތީ ބާވަތްތަކުގެ ރަހަ މީރުވެ އެ ބާވަތްތައް ކެއުމަށް ޝައުގުވެރިވާން ފަށާ ކަމަށް ވެސް ޑރ. އަރޯރާ ވިދާޅުވި އެވެ.

ކަން މިހެން އޮތް ނަމަވެސް ފަންނީ އެހީއާނުލާ ހަކުރު ހުއްޓާލަން މަސައްކަތް ކޮށްފިނަމަ ނިއުޓްރިޝަން ޑެފިޝެންސީއަށް މަގުފަހިވުމުގެ ފުރުސަތު އޮންނާތީ އެކަމަށް ސަމާލުވުމަށް ޑރ. އަރޯރާ ލަފާދެއްވަ އެވެ.