ހޮލީވުޑްގެ މަޝްހޫރު ފިލްމް ފްރެންޗައިޒް "ޖޭމްސް ބޮންޑް"ގެ އާ ދައުރެއް ފަށަން ތައްޔާރު ވެފައިވާއިރު ކުރިއަށް އޮތް ތަނުގައި ޖޭމްސް ބޮންޑްގެ ގޮތުގައި ފެންނާނެ ތަރިއަކާމެދު ސުވާލު އުފެދިއްޖެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި އެމޭޒަންއިން ޖޭމްސް ބޮންޑްގެ އާ ފިލްމުގެ މަސައްކަތް ފަށަން ތައްޔާރު ވެފައިވާއިރު އެ ފިލްމުގެ ލީޑު ރޯލަށް ނަގާނެ ތަރިއަކާ މެދު ދަނީ މަޝްވަރާ ކުރަމުންނެވެ. އެގޮތުން އެ ރޭހުގެ އެންމެ ކުރީގައި މިވަގުތު އުޅެނީ ޓޮމް ހޮލެންޑް، ހެރިސް ޑިކިންސަން އަދި ޖޭކޮބް އެލޯރްޑީ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެހެން ނަމަވެސް އެއިން އެއްވެސް ތަރިއަކާ އަދި ރަސްމީކޮށް މަޝްވަރާތައް ފަށާފައިނުވާއިރު ކޮންމެ ތަރިއަކަށް ވެސް އެ ފުރުސަތު ހަމަހަމައަށް އޮތް ކަމަށް ހޮލީވުޑްގެ މާހިރުން ބުނެ އެވެ.
ބުނެވޭ ގޮތުގައި ފިލްމުގެ ޕްރޮޑިއުސަރުން މިހާރު ބޭނުންވަނީ އެ ފްރެންޗައިޒްއަށް ޒުވާން މޫނުތައް ތައާރަފް ކުރާށެވެ. އެހެން ކަމުން ކުރިން އެ ފްރެންޗައިޒްއިން ފެނުނު ތަރިން ދެން ނުފެނުން އެކަށީގެންވެ އެވެ.
ޑެނިސް ވިލެނުއެވް ޑައިރެކްޓްކުރާ ޖޭމްސް ބޮންޑް ފްރެންޗައިޒްގެ 28 ވަނަ ފިލްމު ރިލީޒް ކުރެވޭނެ ކަމަށް ލަފާ ކުރެވެނީ 2028 ވަނަ އަހަރު އެވެ.
މީގެ ކުރިން ޖޭމްސް ބޮންޑްގެ ރޯލުން މަގުބޫލުކަން ހޯދި ތަރިންގެ ތެރޭގައި ޑެނިއަލް ކްރެއިގް، ޓިމޮތީ ޑެލްޓަން އަދި ޕިއާސް ބްރޮސްނަން ފަދަ ތަރިން ހިމެނެ އެވެ.