ދިރާގުގެ ސީއެސްއާރު ޕްރޮގުރާމުގެ ދަށުން، ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއާޑް ސޮސައިޓީ އޮފް ދަ މޯލްޑިވްސް (ބީވީއައިއެސްއެމް) އިން ށ. އަތޮޅުގައި ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ކޭމްޕަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
މި ޕްރޮގުރާމުުގެ އިތުރުން ދިރާގުން ބީވީއައިއެސްއެމް އަށް ފޯރުކޮށްދެމުން އަންނަ ފޯނު މީޓިން ހިދުމަތުގެ އެހީތެރިކަން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހިދުމަތަކީ ބީވީއައިއެސްއެމް މެންބަރުންގެ މެދުގައި ހިލޭ ކޮންފަރެންސް ކޯލުތައް ކުރެވޭ ގޮތަށް، ބީވީއައިއެސްއެމްގެ ބައްދަލުވުންތައް ބޭއްވުމަށާއި، ޓްރެއިނިން އަދި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިކޮށްދޭ ހާއްސަ ޕްލެޓްފޯމެކެވެ. މިއީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ހިންގާ އެކިއެކި ޕްރޮގްރާމްތަކާއި ހަރަކާތްތަކުގައި ބައިވެރިވުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ގެނެސްދީ، މުޖުތަމައުގައި ޝާމިލުވުން އިތުރުކޮށްދޭ މުހިންމު ވަސީލަތެކެވެ.
ބީވީއައިއެސްއެމް އަކީ ރާއްޖޭގެ ލޯފަން މީހުންގެ ހައްގުތަކަށް ވަކާލާތުކުރަމުން އަންނަ ޖަމިއްޔާއެކެވެ. މި ޖަމިއްޔާއިން ކަނޑިތީމު، މިލަންދޫ، ފުނަދޫ އަދި ކޮމަންޑޫގައި ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހަރަކާތްތަކުގެ މަގުސަދަކީ ލޯފަން ކުދިން މުޖުތަމައުގައި ޝާމިލުކޮށް، މި ކަމާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ.
ދިރާގުގެ ސީއެސްއާރު ޕްރޮގުރާމު މެދުވެރިކޮށް މުޖުތަމައުގައި ހޭލުންތެރިކަން އުފައްދައި މުޖުތަމައު ބާރުވެރި ކުރުވުމުގެ އެކި ޕްރޮގުރާމުތައް އަންނަނީ ހިންގަމުންނެވެ.