"ސިޓަޑޭލްގެ ކާމިޔާބީއަށްފަހު މަޝްހޫރު ތަރި ޕްރިޔަންކާ މިހާރު އުޅެނީ އޭނާގެ އެންމެ ފަހުގެ ފިލްމު، "ހެޑް އޮފް ސްޓޭޓް"ގެ މަސައްކަތުގަ އެވެ. އެކްޝަން ޖޯންރާގެ އެ ފިލްމު މިހާރު ވަނީ ރިލީޒް ކުރެވިފަ އެވެ.

"ހެޑް އޮފް ސްޓޭޓް"ގެ ލަންޑަން ޕްރިމިއާގެ ތެރެއިން އިންޑިއާ ޓުޑޭއަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ވަނީ އެކްޝަން ފިލްމުތަކަށް އޭނާގެ ހިތުގައި އޮތް ލޯތްބާއި އެފަދަ ފިލްމުތައް އޭނާއަށް ނުކުޅެވޭ ސަބަބާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

ޕްރިޔަންކާ ބުނީ އެކްޝަން ފިލްމުތަކަކީ އޭނާ ވަރަށް ކުޅޭ ހިތްވާ ފިލްމުތަކެއް ކަމަށާއި އެހެން ނަމަވެސް އެފަދަ ފިލްމުތަކުގައި ހަދަންޖެހޭ ސްޓަންޓްތަކުގެ ސަބަބުން ފަސްޖެހޭ ކަމަށެވެ.

އެގޮތުން ބޮލީވުޑް އަދި ހޮލީވުޑްގައި މަޝްހޫރު އެކްޝަން ހީރޯއިން ކަމަށްވާ އަކްޝޭ ކުމާރާއި ޓޮމް ކްރޫޒްއާ އެއްގޮތަށް މަތިންދާ ބޯޓަކުން އެލިގަނެގެން އޮންނަން ނޭނގޭނެ ކަމަށް ޕްރިޔަންކާ ބުންޏެވެ.

އެ އިންޓަވިއުގައި ޕްރިޔަންކާ ވަނީ އަކްޝޭއާއި ޓޮމްގެ އެކްޝަން ރޯލުތައް ފާހަގަކޮށް އެ އެކްޓަރުންގެ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ.

އެއާއެކު ކުރިއަށް އޮތް ތަނުގައި ބޮޑު އެކްޝަން ފިލްމެއްގައި ހިއްސާވުމުގެ ޝައުގުވެރިކަން ވެސް ޕްރިޔަންކާ ވަނީ އިންޓަވިއުގެ ތެރެއިން ފާޅުކޮށްފަ އެވެ.

"ހެޑް އޮފް ސްޓޭޓް"ގައި ޕްރިޔަންކާގެ އިތުރުން މުހިއްމު ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި އިދްރިސް އެލްބާ އަދި ޖޯން ސޭޭނާ ހިމެނެ އެވެ.