މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު، ޑރ. މަހާތިރު މުހައްމަދުގެ 100 ވަނަ އުފަން ދުވަހަށް ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން މާލޭގެ ހުކުރު މިސްކިތުގެ މުންނާރު ދައްކައިދޭ މޮޑެލްއެއް ހަދިޔާ ކުރައްވައިފި އެވެ.

މައުމޫން މިވަގުތު ޗުއްޓީ ހޭދަކުރެއްވުމަށް މެލޭޝިއާއަށް ވަޑައިގެން މަހާތިރާ ބައްދަލުކުރައްވާފައިވާކަން ހާމަކޮށް، އެމަނިކުފާނުގެ އޮފީހުން ބުނީ، މި ބައްދަލުކުރެއްވުމުގައި މަހާތިރުގެ 100 ވަނަ އުފަން ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ވަނީ އެ މަނިކުފާނަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެންފައި ކަމަށެވެ.

މައުމޫންގެ އޮފީހުން ބުނީ ޕެޑާނާގެ ލީޑާޝިޕް ފައުންޑޭޝަނުގައި އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ދެ ބޭފުޅުންގެ މެދުގައި އޮތް އެކުވެރިކަމާއި އިހުތިރާމު ދެމެހެއްޓުމުގެ ގޮތުން ކަމަށާއި، ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާއި ލީޑަޝިޕްގެ ދާއިރާއިން ހިއްސާ ކުރެއްވި ތަޖުރިބާތަކަށް އަލިއަޅުއްވާލައްވައިފައިވާ ކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އެ ގައުމުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ދުނިޔޭގެ ގިނަ ލީޑަރުން ނުކުޅެދިފައިވާތީ އެކަމުގެ ހިތާމަ ދެ ބޭފުޅުންވެސް ވަނީ ފާޅުކުރައްވާފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި މައުމޫނާ އެކު ދަރިކަލުން ފާރިސް މައުމޫނާއި ދަރިކަނބަލުން ޔުމްނާ މައުމޫންވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މައުމޫނާއި މަހާތިރާ ދެމެދު ރަހުމަތްތެރިކަމުގެ ގުޅުން ވެސް ވަރަށް ބޮޑަށް ބަދަހި ކުރެއްވިއިރު، މައުމޫންގެ ވެރިކަން ނިމުނު ފަހުން ވެސް އެ މަނިކުފާނު މެލޭޝިއާ އަށް ކުރައްވާ އެކި ދަތުރުފުޅުތަކުގައި މަހާތިރާ ބައްދަލުކުރައްވަ އެވެ.

މައުމޫންގެ ވެރިކަމުގައި އިސްލާމީ މަރުކަޒު ބިނާކުރުމަށް މެލޭޝިއާގެ ސަރުކާރުން އެހީތެރިކަން ދިންއިރު، އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް ވެސް މަހާތިރު ރާއްޖެއަށްވެސް ވަޑައިގަތެވެ.

މެލޭޝިއާގެ ބޮޑުވަޒީރުކަން 22 އަހަރު ވަންދެން ކުރެއްވި އެގައުމުގެ ތަރައްގީގެ ބާނީކަމަށް ގަބޫލުކުރާ މަހާތިރު ބޮޑުވަޒީރުކަން ކުރެއްވީ 1981 އިން 2003 އާ ހަމައަށެވެ.