ހަ އަހަރު ފަހުން އުއްތަމަ ފަނޑިޔާރުކަމުން އަހްމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔާ ކުރައްވައިފި އެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް މަގާމުން ރިޓަޔާކުރެއްވުމަށް ހުށަހެޅުއްވީ މިދިޔަ މެއި މަހު އެވެ.
މިހާރު އަމަލުކުރާ ގާނޫނުއަސާސީގެ ދަށުން ޝަރަފްވެރިކަމާއެކު ރިޓަޔާވެ ވަޑައިގަންނަވާ ފުރަތަމަ އުއްތަމަ ފަނޑިޔާރަކީ މުއުތަސިމް އެވެ. މީގެ ކުރިން އައްޔަން ކުރެއްވި ހުރިހާ އުއްތަމަ ފަނޑިޔާރުންނަކީ މަގާމުން ދުރުކުރެއްވި ބޭފުޅުންނެވެ.
މުއުތަސިމް ރިޓަޔާ ކުރެއްވުމާއި ގުޅިގެން ސުޕްރީމް ކޯޓުން މުއުތަސިމް ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގައި ރާއްޖޭގެ ޝަރުއީ ދާއިރާއަށް ކޮށްދެއްވި އަގުހުރި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރެއްވުމުން ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދާ ހަވާލުކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ނިންމައިފަ އެވެ.
ހަމީދު ސުޕްރީމް ކޯޓަށް އައްޔަންކުރީ މިދިޔަ 11 ޖޫންގަ އެވެ. އެއީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރަލްދާ ޒާހިރު ސުލޫކީ މައްސަލަތަކެއް ހުރިކަމަށް ބުނެ އެ ދެ ފަނޑިޔާރުން ވަކިކުރުމަށްފަހު ހުސްވި ޖާގައަށެވެ.
މުއުތަސިމް އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރެއްވީ ޑިސެމްބަރު 2019 ގަ އެވެ. އޭގެ ކުރިން އެމަނިކުފާނު ވަނީ 2009 އިން ފެށިގެން ޑިސެމްބަރު 2014 އާ ހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފަ އެވެ.