ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓު (ވީއައިއޭ)ގެ އެއާޕޯޓް އެމެޖެންސީ ސާވިސަސްގެ ފަރާތުން އެއާޕޯޓު އާ ފަސިންޖާ ޓާމިނަލް އޮޕަރޭޝަނަލައިޒްކުރުމަށްޓަކައި އެމަޖެންސީ ރެސްޕޮންސް ޑްރިލް ކުރިއަށް ގެންގޮސްފި އެވެ.

މި ޑްރިލްގައި އެމަޖަންސީގެ ތަފާތު ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ވަނީ ޓެސްޓްކޮށްފަ އެވެ. އޭގެ ތެރޭގައި، ފަސިންޖަރުންނަށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދީ، އެންބިއުލަންސް މެދުވެރިކޮށް އަވަސްފަރުވާގެ ހިދުމަތް ފޯރުކޮށްދެވޭނެ އެންމެ ކުރު މަގުތައް ދެނެގަނެވި، އެކަންކަން ޔަގީންކުރެވިފައިވެ އެވެ.

މިއީ ބައިނަލްއަގްވާމީ ގޮތުން ބަލާ ފަޔާ އެންޑް ސޭފްޓީ މިންގަނޑުތަކަށް ފެތޭ، މަތީފެންވަރުގެ ފަޔާ އެންޑް ސޭފްޓީގެ ހިދުމަތް ފޯރުކޮށްދެވޭނެ ޓާމިނަލްއެއްކަން އެމަޖެންސީ ސާވިސަސްގެ ތެރެއިން ވަނީ ކަށަވަރުކޮށްފަ އެވެ.

މި ޑްރިލްއަކީ، ދިމާވެދާނެ ހާލަތަކަށް ތައްޔާރުވުމަށްޓަކައި ކުރިއަށް ގެންދެވުނު ހަރަކާތެއް ނަމަވެސް، އަލިފާނުގެ ހާދިސާއެއް ހިނގައި ފަސިންޖަރުން އެމަޖެންސީގައި ބޭރަށް ނެރެންޖެހޭ ފަދަ ހާލަތެއް މެދުވެރިވުމަކީ ވަރަށް ދުރުކަމެއް ކަމަށް އެމަޖެންސީ ސާވިސަސް އިން ބުންޏެވެ.

މިއީ އަލިފާނުގެ ހާދިސާގެ ހިނގުމުން، ކުއްލި ހާލަތުގައި ސަލާމަތްތެރިކަމާއެކު ފަސިންޖަރުން ޓާމިނަލުން ބޭރަށް ގެންދިއުމުގެ މޮކަޕް ޑްރިލްއެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މިހަރާކާތުގައި ޓާމިނަލްގައި ހަރަކާތްތެރިވާނެ ފަޔަރ ވާޑެންސްގެ ހަރަކާތްތައްވެސް ބަލައި ޓެސްޓްކޮށްފައިވެ އެވެ. އެގޮތުން އާ ޓާމިނަލުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ތެރެއިން 65 މުވައްޒަފުންވަނީ ފަޔަރ ވާޑެންގެ ގޮތުގައި ތަމްރީން ކޮށްފަ އެވެ.

އެމްއޭސީއެލްއިން އަބަދުވެސް މަސައްކަތްކުރަމުންދާނީ އެއާޕޯޓުގެ ހިދުމަތް ބޭނުންކުރައްވާ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ފުރިހަމަ ޚިދުމަތެއް ފޯރުކޮށް ދިނުމަށެވެ.