ރަޝިއާގެ އައްސޭރިއަށް އައި ބާރުގަދަ ބިން ހެލުމަކާ ގުޅިގެން ރަޝިއާ އާއި ޖަޕާނަށް ސުނާމީ އަރައިފި އެވެ.

8.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާ ގުޅިގެން ރަޝިއާގެ ކަމަޗަޓްކާ ސަރަހައްދަށް 13 ފޫޓުގެ ސުނާމީ ރާޅު އަރާފައިވާއިރު، މި ބިންހެލުމާ ގުޅިގެން އެމެރިކާ ހިމެނޭހެން އެ ސަރަހައްދުގެ ގައުމުތަކަށް ވަނީ ސުނާމީގެ އިންޒާރުވެސް ނެރެފަ އެވެ.

މި ކާރިސާއާ ގުޅިގެން ރަޝިއާގެ ސަހަލިން ސަރަހައްދުގައި އޮންނަ ސެވެރޯ-ކުރިލްސްކް އަވަށުގައި ފެންބޮޑުވެ އެ ސަރަހައްދުން 2،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާކަމަށް އެގައުމުގެ އެމަޖެންސީ އެންޑް ޑިޒާސްޓާ ރިލީފުން ވަނީ ބުނެފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ތަކުން ގެންނަ ގޮތުގައި ސުނާމީގެ ސަބަބުން އެ ސަރަހައްދުގެ ގެތައް ވަނީ ފެނު އަޑިއަށް ގޮސްފަ އެވެ.

ރަޝިއާގެ އިތުރުން ޖަޕާނުގެ އައްސޭރިއަށް 9.8 ފޫޓުގެ ސުނާމީ ރާޅު އަރާފާނެ ކަމުގެ އިންޒާރު އެގައުމުން ދީފައިވާއިރު، ޖަޕާނަށް ވަނީ 1 ފޫޓު އުސް، ސުނާމީގެ ފުރަތަމަ ރާޅުތައް އަރާފަ އެވެ. މީގެ އަސަރު ކުރި ސަރަހައްދުތައް ދޫކޮށް ދިޔުމަށް އެގައުމުގެ އިދާރާތަކުން މީހުންނަށް އެންގިއިރު، ޖަޕާނުގެ ފަޔާ އެންޑް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ މިހާތަނަށް އަދި އެއްވެސް ގެއްލުމެއްގެ ރިޕޯޓް ނެރެފައި ނުވާ ކަމަށެވެ.

މިއީ މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ބާރުގަދަ އެއް ބިންހެލުމަށްވާއިރު، އެމެރިކާގެ ސުނާމީގެ އިންޒާރުދޭ ސެންޓަރުން ވަނީ އެމެރިކާއަށް 9.8 ފޫޓުގެ ސުނާމީ ރާޅު އަރާފާނެ ކަމަށާއި، 3.3 ފޫޓާއި 9.8 ފޫޓާއި ދެމެދު ހުންނަ ސުނާމީ ރާޅުތަކެއް ހަވާއީ އާއި، ޗިލޭ އާއި، ޕެރޫ، ކޯސްޓާ ރިކާ އަދި އިތުރު ޕެސިފިކް ރަށްތަކަށް ވެސް އަރާފާނެ ކަމުގެ އިންޒާރުދީފަ އެވެ.

މީގެ އިތުރުންވެސް ފިލިޕީންސް އާއި އިންޑޮނޭޝިއާ އާއި ތައިވާނަށް ވެސް ވަނީ ސުނާމީ އަރާފާނެ ކަމުގެ އިންޒާރުދީފަ އެވެ.