މާލޭ ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު 70ރ އިން މައްޗަށް އުފުލުމަށްފަހު، މިއަދު ބާޒާރުގައި ފިޔާގެ އަގު ދަށަށް ހިނގައްޖެ އެވެ.
މޫސުން ގޯސްވެ، ބޯޓުފަހަރުން މުދާ ބޭލުމަށް ހުރަސްތަކެއް ކުރިމަތިވެ، ބާޒާރަށް ނުލިބުމުން މިދިޔަ ދެތިން ދުވަހެއްގެ ތެރޭގައި ފިޔާގެ އަގު ވަނީ މިއިން އަހަރަކު މައްޗަށް ނުދާ ވަރަށް މައްޗަށްގޮސްފަ އެވެ. އެގޮތުން ބައެއް ވިޔަފާރިތަކުން ފިޔާ ކިލޯއެއް ވަނީ 70 ރ. އަށް ވެސް ވިއްކާފަ އެވެ.
ފުޅާދާއިރާއެއްގައި ފިޔާ ހޯލްސޭލްކުރާ މުޑުވާލީގައި މިއަދު ސާފު ނުކުރާ ބާސްކެޓުން ފިޔާ ކިލޯއެއް ލިބެން ހުރީ 18 ރުފިޔާއަށެވެ. އަދި ހުޅުމާލޭ ފޭސް ދޭއްގެ ސުޕަމާކެޓްތަކުން ފިޔާ ކިލޯއެއް ވިއްކަނީ 25 ރުފިޔާއަށެވެ.
ފިޔާގެ އަގު މިއަދު ދަށަށް ގޮސްފައި މިވަނީ އެމްޕީއެލް އިން އިއްޔެ ގިނަ އަދަދަކަށް ބޯޓުތަކުން ފިޔާ ބާލާފައިވަނިކޮށެވެ.
އެމްޕީއެލުން އިއްޔެ އެކަނިވެސް ވަނީ 4000އަށް ވުރެ ގިނަ ބަސްތާގެ ފިޔާ ބޯޓުތަކުން ބާލައި ގުދަނަށް ގެންގޮސްފަ އެވެ.
ބާޒާރުގައި މިއަދު ފިޔާގެ އަގު ދަށަށްދާން ފަށާފައިވާއިރު، ކުރިއަށްމިއޮތް ދުވަސްތަކުގައި ފިޔާގެ އަގު އިތުރަށް ދަށަށްދާނޭކަމަށް ވިޔަފާރިވެރިން ބުނެ އެވެ.
ބާޒާރުން ފިޔާ ލިބުން ދަތިވެ، އަގު އުފުލުމާ ގުޅިގެން އެސްޓީއޯއިންވެސް ވަނީ ފިޔާ ޝިޕްމަންޓެއް އެތެރެކުރުމުގެ މަސައްކަތް ފަށާފަ އެވެ.