ވިޔަފާރިވެރިޔާ މަރުހޫމް މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) އާއި އިތުރު ދެ މީހަކު ގެރެންޓީ ދީގެން ރިސޯޓް ތަރައްގީ ކުރަން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނެގި 20 މިލިއަން ޑޮލަރުގެ ލޯނު ނުދެއްކުމުން ރަހުނު ކުރި ތިން ރަށް ވިއްކޭނެ ގޮތެއް ނެތުމުން ދަރަނި ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެސްބީއައި އިން އެ ލޯނު ދޫކުރީ ގަސްވެލި އައިލެންޑް ޕްރައިވެޓް ލިމިޓެޑަށެވެ. އެ ލޯނަށް ގެރެންޓީ ދިނީ އެއްލައިދޫ މަނިކުގެ އިތުރުން މއ. ސިސިލްފަރު، މުހައްމަދު ޔޫސުފް މޫސާ އާއި މ. މުލީގެ، އިބްރާހީމް މުހައްމަދެވެ.

ސިވިލް ކޯޓުން މާޗް 28، 2018 ގައި ހުކުމް ކުރީ އެ ދުވަހުން ފެށިގެން 10 މަސް ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރުމަށެވެ. ނަމަވެސް އެއްވެސް ފަރާތަކުން އެ ފައިސާ ދައްކާފައެއްނުވެ އެވެ.

އެ ލޯނަށް ރަހުނުކުރީ ރިސޯޓް ހަދަން ދޫކޮށްފައިވާ ގަސްވެލި އާއި ދެކުނު ބޮޑުވެލި އާއި ކުޑައުސްފުއްޓެވެ.

ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ވަނީ ރަހުނު ކުރި އެ ތިން ރަށް ވިއްކާލަން އެސްބީއައި އައިން ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށެވެ.

އެހެންކަމުން އެ ދަރަންޏަކީ ގަސްވެލި އައިލެންޑް ޕްރައިވެޓް ލިމިޓެޑާއި ގެރެންޓާ ދިން ތިން މީހުން ދައްކަންޖެހޭ ރަހުނު ނުހިމެނޭ ދަރަންޏެއް ކަމަށް ކަނޑައަޅާ ކަމަށް އެ ހުކުމްގައިވެ އެވެ.

އެއްލައިދޫ މަނިކުގެ ވާރިސުންގެ ގޮތުގައި ތިން މީހަކު އެބަތިބި ކަމަށް އެ ހުކުމްގައިވެ އެވެ.