ވިޔަފާރި ކުރުމަށާއި މުވައްޒަފުން ނެގުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން ކައުންސިލަށް ލިބޭ ބާރު ހަނިކޮށް ލާމަރުކަޒީ ގާނޫނު ބަދަލުކުރަން ފާސްކުރި ބިލު ތަސްދީގު ކުރައްވައިފި ނަމަ، އަހަރެއްގެ މައްޗަށް ހަތަރު މިލިއަނެއްހާ ރުފިޔާގެ ގެއްލުން ކުޅުދުއްފުށި ސިޓީ ކައުންސިލަށް އެކަނި ލިބޭނެ ކަމަށް އެ ރަށުގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާތިފް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލުގެ ސަބަބުން އެ ކައުންސިލަށް ޖުމުލަ 3،994،951.20ރ. ގެ ގެއްލުމެއް ލިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އަސާސީ ހިދުމަތް ދޭ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ އެކި ކުންފުނިތަކާއެކީ ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުން ހެދުމުގެ މަރުހަލާގައި ހުރުމުން އަންނަ އަހަރަށް ކައުންސިލަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ ވެސް ނުލިބި ގެއްލުން ލިބޭނެ ކަމަށެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލަށް އަހަރެއްގެ މައްޗަށް ލިބޭ ގެއްލުންތައް އެ ކައުންސިލްގެ ތަފާސްހިސާބުގައި ބަޔާންކޮށްފައިވާ ގޮތުގެ ތަފްސީލް:

  • މުވާސަލާތީ ހިދުމަތަށް ދޫކޮށްފައި ހުރި ބިންތަކުން 1.26 މިލިއަން ރުފިޔާ.
  • ބެންކިން ހިދުމަތްތައް ދޫކޮށްފައިވާ ބިމުން 183،927ރ.
  • ފެނާއި ނަރުދަމާގެ ހިދުމަތަށް ދޫކޮށްފައި ހުރި ބިންތަކުން ލިބޭ 2.12 މިލިއަން ރުފިޔާ.
  • ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކަށް އިމާރާތްތަކަށް ކުއްޔަށް ދީގެން ލިބޭ 425،278ރ.

އާތިފް ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްރަށަކީ ލޯކަލް އޮތޯރިޓީ މެދުވެރިކޮށް މަސައްކަތްތައް ކުރުމުގެ އިތުރުން ވިޔަފާރި ކުރާ ބަޔަކަށް ވާއިރު ކޮށްފައިވާ އިންވެސްޓްތައް ވެސް ފެނަށް ދިޔުމުގެ އިތުރުން ކައުންސިލްތަކަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް އިސްލާހުގެ ސަބަބުން ލިބޭނެ ކަމަށެވެ.

މަޖިލީހުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ފާސްކުރި ބިލުގައި ހިމެނޭ ކަންކަމަށް ބަލާއިރު، ވިޔަފާރި ކުރަން ކުރިމަތި ކުރުވާ ހުރަސްތަކާއި އަމިއްލަ މީހަކު ކުރަމުންދާ ވިޔަފާރިއެއް ނުކުރެވޭ ގޮތް ހެދުމާއި އުމްރާނީ ތަރައްގީއަށް ކޮންމެހެން ބޭނުންވާ މަސައްކަތެއް ނޫނީ ނުކުރެވުމާއި ވިޔަފާރީގެ އިންވެސްޓްމަންޓު ނުވަތަ ރައުސުލްމާލު 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑުނުކުރެވުން ހިމެނެ އެވެ.

މީގެ އިތުރުން އަސާސީ ހިދުމަތް ދިނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނެގުން މަނާ ކުރުމުގެ އިތުރުން މާލީ ކަންކަމަށް ނުފޫޒު ފޯރުވުން ވެސް މި ބިލުގައި ހިމެނެ އެވެ.

މީގެ އިތުރުން ވެސް ފިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުން ކައުންސިލުތަކުގެ ބޭންކް އެކައުންޓުތައް ބަލަހައްޓަން މަޖުބޫރު ކުރުވުމާއި ފިނޭންސް މިނިސްޓްރީ އިން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލުގެ ބޭންކް އެކައުންޓުގެ ސްޓޭޓްމަންޓެއް ދިނުމަށް މަޖުބޫރު ކުރުވުމުގެ އިތުރުން ކައުންސިލުގެ މަސައްކަތަށް ހުރަސް އެޅުން ވެސް ހިމެނެ އެވެ.

ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ދާއިމީ އަދި ކޮންޓްރެކްޓަށް ވެސް މުވައްޒަފުން ނެގޭނެ މަގު ބަންދު ކުރުން ވެސް މި ބިލުގައި ވަނީ ހިމަނާފަ އެވެ.