ހިޔާ ފްލެޓަކުން ފުލުހުންނަށް ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެޕާޓްމަންޓް ބަލާފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕްތަކެއް ފުލުހުންނަށް ފެނިއްޖެއެވެ.

ފުލުހުން ހުކުރު ދުވަހު ބުނީ ހުޅުމާލެ 2 ގެ ޕޮލިސް ސްޓޭޝަނަށް ރޭ 9:14 ގައި ހުށަހެޅި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން، ހިޔާ ފްލެޓުގެ އެޕާޓްމަންޓެއް ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފްލޭވާ ފުޅި ފެނިފައިވާ ކަމަށެވެ..

އެގޮތުން އެ އެޕާޓްމަންޓުން ޖުމްލަ 242 ވޭޕްފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައިގެ ތަހްގީގް ފުލުހުން މިހާރު ފަށާފައިވާކަމަށްވެސް ވަނީ ބުނެފައެވެ.

ވޭޕް ބޭނުންކުރުމަކީ ރާއްޖޭގައި މަނާކޮށްފައި އޮންނަ ކަމެކެވެ. ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށްގެނައި އިސްލާހާ އެކު، ރާއްޖެ އަށް ވޭޕް އެތެރެކުރުމާއި އެ ބޭނުންކުރުން މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

އެ ގާނޫނަށް އޭރު ގެނައި ބަދަލުތަކުން، ވޭޕް ކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެ ކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.

ރާއްޖެއަށް ވޭޕް އެތެރެކޮށްގެން ކޮށްފައިވާ ޖޫރިމަނާ މިހާތަނަށް 400 މިލިއަން ރުފިޔާއަށް އަށް ވުރެ ގިނަ ކަމަށް ފުލުހުން އެންމެ ފަހުން ނެރުނު ތަފާސްހިސާބުތަކުން ވަނީ ހާމަވެފަ އެވެ.