އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މާސްޓާސް ފެންވަރަށް ކިޔެވުމަށް 15 ފަރާތަކަށް އެމްއެމްއޭއިން ސްކޮލާޝިޕް ދޫކޮށްފި
އެވެ.
ސްކޮލާޝިޕްތައް ރަސްމީކޮށް ހަވާލުކޮށްދެއްވީ އެކަމަށްޓަކައި މިއަދި އެމްއެމްއޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމައީލް ޝަފީޢުއެވެ.
މި ސްކޮލާޝިޕްގެ ދަށުން ބައިވެރިންނަށް މެލޭޝިއާގެ އިންސެއިފް ޔުނިވާސިޓީ އެގްޒެކެޓިވް މާސްޓާސް އިން އިސްލާމިކް ފައިނޭންސް (އީއެމްއައިއެފް) ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. މި ޕްރޮގްރާމަކީ ވިޔަފާރިތަކާއި އިޖްތިމާއީ-އިގްތިސާދީ ތަރައްގީ ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ވިސްނުން ބައިވެރިންނަށް ދަސްކޮށްދިނުމަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ.
ޖުމްލަ 15 ސްކޮލާޝިޕްގެ ތެރެއިން ފަސް ސްކޮލާޝިޕަކީ ފުލީ ފަންޑެޑް ސްކޮލާޝިޕެވެ. އަދި 10 ސްކޮލާޝިޕަކީ ޕާޝަލް ފަންޑެޑް ސްކޮލާޝިޕެވެ.
އެގްޒެކެޓިވް މާސްޓާސް އިން އިސްލާމިކް ފައިނޭންސްއަކީ މި ދާއިރާގައި މަސައްކަތްކުރާ ބައިވެރިންނަށް އަމާޒުކޮށްގެން، ކޮންވެންޝަނަލް އަދި ޝަރީއާ ފައިނޭންސްގެ ދާއިރާއިން ދުނިޔޭގައި ފާހަގަކުރެވޭ އިލްމުވެރިން އެކުލަވާލާފައިވާ ކޯހެކެވެ. މިއީ އިސްލާމިކް ފައިނޭންސްގެ އިތުރުން ލީޑާޝިޕް ހުނަރުތައް އިތުރުކުރުމާއި، އަދި އެ ފަރާތްތަކުގެ މުއައްސަސާތަކާއި މުޖުތަމަޢުގައި އެދެވޭ ބަދަލުތައް ގެނައުމަށް މަގުފަހިކޮށްދޭ ގިނަ ދާއިރާތަކެއް ހިމެނޭ ކޯހެކެވެ.
އެމްއެމްއޭގެ އިން ބުނިގޮތުގައި މި ސްކޮލާޝިޕްތަކަކީ ރާއްޖޭގެ ކުރިއަރަމުންދާ އިސްލާމިކް ފައިނޭންސްގެ ދާއިރާ އިތުރަށް ހަރުދަނާކޮށް އަދި އެދާއިރާއިން މީހުން ބިނާކުރުމަށް އެމްއެމްއޭގެ ސްޓްރެޓެޖިކް ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.