ފުލުހުންގެ ތިޖޫރީގައި ހުރި 30،000 ޑޮލަރު ގެއްލިއްޖެ އެވެ.

އިތުބާރުހުރި މަސްދަރަކުން "ހުރިހާ"އަށް ކަށަވަރުކުރެވިފައިވާ ގޮތުގައި ގެއްލިފައި ވަނީ 2019 ވަނަ އަހަރު އެ ތިޖުރީގައި ބަހައްޓާފައިވާ 30،000 ޑޮލަރެވެ. އެއީ އެ އަހަރު ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި މީހެއްގެ އަތުން ނެގި ފައިސާ އެވެ.

އެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ ގޮތުން ފުލުހުންގެ ތިޖޫރީގައި ބެހެއްޓީ އެވެ. އެ ފައިސާ ބެހެއްޓީ ޝަރީއަތުން މައްސަލަ ނިމެންދެނެވެ.

ނަމަވެސް މީގެ ދުވަސްތަކެއް ކުރިން އެ ފައިސާ ހޯދަންވެގެން ތިޖޫރި ބެލިއިރު، އެ ފައިސާ ނެތްކަން ވަނީ އެނގިފަ އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ ޑިޕާޓްމަންޓާ ސުވާލުކުރުމުން އެއްވެސް ޖަވާބެއް ނުދިނެވެ. އެހެންވެ މިކަމުގެ އިތުރު ތަފްސީލް އަދި ލިބޭގޮތެއް ނުވެ އެވެ.