ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަޅަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން 327 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ފިޓްނެސް ސެންޓަރުތައް އަޅަން ކުރާ ހަރަދުތަކުގެ ތަފްސީލު އެ ކުންފުނިން ހާމަކޮށްފައެއްނުވެ އެވެ.

އެކަމާ ގުޅިގެން "އަދަދު" ނޫހުން ފޮނުވި މެސެޖެއްގެ ޖަވާބުގައި އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ ކޮންމެ ފިޓްނެސް ސެންޓަރަކަށް 5.2 މިލިއަން ރުފިޔާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ޕްރޮޖެކްޓު ހިންގަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކަމަށެވެ. އޭގެމާނައަކީ އެމްއޭސީއެލްގެ ހަރަދުގައި ތަންތަން އެޅުމަށް ފަހު ސަރުކާރާ ހަވާލުކުރުމުން އެ ތަންތަނަށް ފައިސާ ދައްކާނީ އެވެ.

އެއާޕޯޓް ހިންގަން އުފައްދާފައިވާ ކުންފުންޏަކުން މިފަދަ ޕްރޮޖެކްޓްތައް ހިންގާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އެ ފާޑުކިޔުންތަކަށް ޝަރީފް ދެއްވި ޖަވާބަކީ އެއީ ކުންފުނީގެ ކޭޝް ފްލޯ ރަނގަޅު ކަމަށް ކުރާ ކަމެއް ކަމެކެވެ.

މީގެއިތުރުން ފައިނު އެއާޕޯޓާއި މަތިވެރި އެއާޕޯޓާއި މަކުނުދޫ އެއާޕޯޓު ތަރައްގީކޮށް ހިންގުމަށް ވެސް އެ ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ. އަދި ކުޅުދުއްފުށީ އެއާޕޯޓުގެ އެކްސްޕޭންޝަން ޕްރޮޖެކްޓު ވެސް އެ ކުންފުންޏާ ހަވާލުކޮށްފައިވެ އެވެ.