ދިރާގުގެ އަހަަރީ ފުޓްސަލް މުބާރާތުގެ 19 ވަނަ އެޑިޝަން، ޑެސްކަޕް 2025 ނިންމައިލައިފި އެވެ.

އެ ކުންފުނިން ބުނިގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔައީ ދިރާގުގެ މުވައްޒަފުންގެ ފަރާތުން ހޫނު ތަރުހީބަކާއި ބޮޑު ބައިވެރިވުމެއް ލިބިގެންނެވެ.

މި އަހަރުގެ މުބާރާތުގެ ތިން ލީގުން ޗެމްޕިއަންކަން ހޯދި ޓީމުތައް މިހާރު ވަނީ ހާމަކޮށްފަ އެވެ. ސީއީއޯ އެންޑް އެމްޑީސް ކަޕްގެ އެއްވަނަ ހޯދީ ޑީއެސްއެސް ޔުނައިޓެޑް ޓީމެވެ. ޕްރީމިއާ ލީގްގެ ޗެމްޕިއަންކަން ވެސް ހޯދާފައި ވަނީ ފިނޭންޒެސް ޓީމާއެކު ވާދަވެރި މެޗެއް ކުޅެގެން ޑީއެސްއެސް ޔުނައިޓެޑް ޓީމުންނެވެ.

ސުޕާ ލީގްގެ ފައިނަލް މެޗުގައި ސީއެންއެފްސީ ޓީމާއި އާރްއޯސީ ޓީމު ވާދަކުރުމަށް ފަހު ޗެމްޕިއަންކަން ނަގައިފައި ވަނީ ސީއެންއެފްސީ ޓީމުންނެވެ. އަދި ދިރާގުގެ އަންހެން މުވައްޒަފުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދިޔަ "ވިމެންސް ފިއެސްޓާ" މުބާރާތުގައި ޓެކްނޮލޮޖީ ކަންބަލުންނާއި ހިޔަލަ ޓީމުގެ ވާދަވެރި މެޗަކަށްފަހު ހިޔަލަ ޓީމުން ވަނީ ޗެމްޕިއަންކަން ހޯދާފަ އެވެ.

މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ ދިރާގު މުވައްޒަފުންނަށް ހުޅުވައިލައިގެން ކުރިއަށް ގެންދެވުނު މި މުބާރާތުގައި މި އަހަރު ޖުމްލަ 321 މުވައްޒަފުންނާއެކު 20 ޓީމެއް ވަނީ ބައިވެރިވެފައިވެ އެވެ.

ދިރާގުން މިފަދަ މުބާރާތްތައް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ، ދިރާގު އީ-ކްލަބް މެދުވެރިކޮށް ހުރިހާ މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގެ ބޭރުން ތަފާތު ހަރަކާތްތަކާއި ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ފޯރުކޮށްދިނުމެވެ.