ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވާ ފޯރިގަދަ "ރަށި ބާޒާރޮ" މާދަމާ ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ މިފަހަރުގެ ބާޒާރުގައި އެކި ވައްތަރު ސާމާނު ވިއްކާ 70 ސްޓޯލް ހުންނާނެ ކަމަށެވެ. އޭގެ ކާބޯތަކެތި އަންނައުނު، އުމްރާ އަދި ސާވިސް ޕްރޮވައިޑާސް ވެސް ބައިވެރިވާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

މިފަަހަރުގެ ބާޒާރު ކުރިޔަށް ކުރިޔަށްދާނީ މާދަމާ އިން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. މިގޮތުން ކޮންމެ ދުވަހަކު ހަވީރު 4:00 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ބާޒާރު ކުރިޔަށް ދާނެ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ބުނެ އެވެ.

ފުވައްމުލަކުގައި ބާއްވާ "ރަށި ބާޒާރޮ"ގައި ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ވިޔަފާރިތަކުން ބައިވެރިވޭ. ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

މިފަަހަރުގެ ބާޒާރަށް ޒިޔާރަތްކުރާ ހުރިހާ ފަރާތެއްގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް އެއްވަނަ އިނާމުގެ ގޮތުގައި، "މެއިން ސްޕޮންސާ" ޝީޝާ އިން ހުށަހަޅާފައިވާ "ހޮންޑާ އެއާބްލޭޑް 125 ބްލެކް އެޑިޝަން"ގެ ސައިކަލް ދިނުމަށް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން ގޯލްޑް ސްޕޮސާ ފަރީ ހައްޖު އެންޑް އުމްރާގެ ގްރޫޕްގެ ފަރާތުން އުމްރާ ދަތުރެއް ވެސް ހުށަހަޅާފައިވެ އެވެ. އަދި ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން "ލިމިޓެއް ނެތް ފައިބާ" ޕެކޭޖެއް ހުށަހަޅާފައިވެ އެވެ.

ފުވައްމުލަކުގައި މިދިޔަ އަހަރު ބޭއްވި "ރަށި ބާޒާރޮ" ސްޓޯލަކުން ބަޔަކު ވިޔަފާރިކުރަނީ. ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ފުވައްމުލަައް ސިޓީ ކައުންސިލުން ބުނީ ބޮޑެތި އިނާމުތަކުގެ ގުރުއަތު ނެގުން އޮންނާނީ ބާޒާރުގެ އެންމެ ފަހު ރޭ ކަމަށެވެ. މީގެ އިތުރުން ކޮންމެ ރެއަކު ވެސް ބާޒާރަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުމަށްފަހު ތަފާތު އެކި ކަހަލަ ބޭނުންތެރި 20 އިނާމު ދޭން ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

މި ފަހަރުގެ ބާޒާރުގެ މީޑިއާ ޕާޓްނަރުގެ ގޮތުގައި "ހުރިހާ" އިން ހަރަކާތްތެރިވާނެ އެވެ.

https://www.facebook.com/photo?fbid=750434791300434&set=pcb.750435341300379

މިފަދަ ބާޒާރެއް ފުވައްމުލައް ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގުސަދަކީ މިރަށުގެ ފިހާރަތަކުން އާންމުކޮށް މުދާ ލިބެން ހުންނަ އަގަށް ވުރެ ހެޔޮކޮށް އަދި ގިނަ ވައްްތަރުގެ މުދާތަކެއް އެއްތަނަކުން ލިބޭނެ މަގު ފަހިކޮށްދިނުމަށް ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެ އެވެ.

https://www.facebook.com/RashiBaazaaro/videos/1266367968146378

"ރަށި ބާޒާރޮ"ގެ ނަމުގައި އެންމެ ފުރަތަމަ މިފަދަ ބާޒާރެއް ބޭއްވީ 2023 ވަނަ އަހަރު އެވެ.