ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އިޓަލީގެ ފެޝަން ޑިޒައިނަރެއް ކަމަށްވާ ޖިއޯޖިއޯ އަރްމާނީ، އުމުރުން 91 އަހަރުގައި މަރުވެއްޖެ އެވެ.

އަރްމާނީގެ ކުންފުނި "ދަ އަރްމާނީ ގްރޫޕް"އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި އަރްމާނީ މަރުވިކަން ޔަގީން ކޮށްދީފައިވާއިރު މި ދަނޑިވަޅުގައި ކުންފުނީގެ މަސައްކަތްތައް ކުރިއަށްދާނީ އަރްމާނީގެ ހިތްވަރުން ހިތްވަރު ލިބިގަނެގެން ކަމަށް ބުނެފައިވެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި އަރްމާނީ މަރުވެފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އުތުރު އިޓަލީގެ ސިޓީއެއް ކަމަށްވާ މިލާންގަ އެވެ.

އަރްމާނީ މަރުވެފައި މިވަނީ މިދިޔަ ޖޫންމަހު އޮތް ފެޝަން ދުނިޔޭގެ އެންމެ ބޮޑު އެއް އިވެންޓް ކަމަށްވާ މިލާން ފެޝަން ވީކްގައި ވެސް ބައިވެރިނުވެ އެވެ.

އަރްމާނީއާ ގާތް މަސްދަރުތަކުން އޭރު ބުނި ގޮތުގައި އެ އިވެންޓަށް އޭނާއަށް ހާޟިރު ނުވެވުނީ އޭނާގެ ސިއްހީ ހާލަތު އެކަމަށް ތަން ނުދޭތީ އެވެ.

އެހެން ނަމަވެސް އޭނާގެ ސިއްހީ ހާލަތުގެ ތަފްސީލެއް މިއަދާ ހަމައަށް ވެސް އޭނާގެ ކުންފުނިންނާއި އާއިލާއިން ވެސް ހާމަކޮށްފައެއް ނުވެ އެވެ.

އަރްމާނީއަކީ 21 ވަނަ ގަރުނުގެ ފެޝަން ޓްރެންޑްތައް ގާއިމު ކުރުމުގައި ވަރަށް އިސްކޮށް އުޅުނު ދުނިޔެއަށް ވެސް އޭނާގެ ނުފޫޒު ފޯރުވި މީހެކެވެ.