ފަލަސްތީނުގެ ޣައްޒާގައި ގަތުލުއާއްމު ހިންގައި އެ ސަހަރުގެ ރައްޔިތުން ޣައްޒާއިން ގަދަކަމުން ބޭރު ކުރުމަށް ފުރުސަތު ނުދޭނެ ކަމަށް މިސްރުން ބުނެފި އެވެ.
މިސްރުގެ ހާރިޖީ ވަޒީރު، ބަދްރު އަބްދުލްއާތީ ވިދާޅުވީ ޣައްޒާގެ ރައްޔިތުން އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރު ކުރުވުމަކީ ބޮޑު ކުށެއް ކަމަށާއި އެކަން އެގޮތަށް ހިނގުމަށް ފުރުސަތު ނުދޭނެ ކަމަށެވެ.
ޣައްޒާގެ ނަސްލު ނައްތާލުމަށް ޔަހޫދީން ޣައްޒާއަށް އުދުވާނީ ހަމަލާތައް ދޭން ފެށީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިހާތަނަށް 64،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި 18،430 ކުޑަކުދިން ހިމެނެ އެވެ. ފަލަސްތީނުގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނި 54 މީހުން ވަނީ ޝަހީދުވެފަ އެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ބަދްރު އަބްދުލްއާތީ ވިދާޅުވީ ޣައްޒާގެ ރައްޔިތުން އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރު ކުރުވުމަކީ ފަލަސްތީނުން ހައްގު ހޯދުމަށް ކުރާ މަސައްކަތުގެ ނިމުން ކަމަށް ވާނެ ކަމަށެވެ. އަދި އެފަދަ އަމަލުތަކަށް އެއްވެސް ގާނޫނީ އަދި ސުލޫކީ ހުއްޖަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ހުރަސްއަޅަމުންދާއިރު، ބަނޑުހައިހޫނުކަމުގެ ސަބަބުން ވެސް ގިނަ އަދަދެއްގެ މީހުން ދަނީ ޝަހީދުވަމުންނެވެ. މިސްރުގެ ހާރިޖީ ވަޒީރު ވިދާޅުވީ ޔަހޫދީން ޣައްޒާގެ ރައްޔިތުން ގަސްތުގައި ބަނޑަށް ޖައްސަމުންދާ ކަމަށެވެ.
ޒަޔަނިސްޓު އިސްރާއީލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ވަނީ މުޅި ޣައްޒާ އިސްތިއުމާރު ކުރުމުގެ ވާހަކަ މިދިޔަ އޮގަސްޓު މަހު ދައްކާފަ އެވެ. މިހާރު ޣައްޒާ ސިޓީގެ 40 އިންސައްތަ އޮތީ ޔަހޫދީންގެ ބާރުގެ ދަށުގަ އެވެ. ހަމަލާތަކުގެ ސަބަބުން މުޅި ސަހަރު ސުންނާފަތިވެފައިވާއިރު، އެތައް ހާސް ރައްޔިތުންނެއް ދިރިއުޅެމުންދަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ތެރޭގަ އެވެ.
ފަލަސްތީނު ރައްޔިތުން ޣައްޒާއިން ބޭރުކުރުމަށް ފުރުސަތު ނުދޭނެ ކަމަށް ތިބުނާ ފުރުސަތު އޮތީ ތަންމިނަށް ހުޅުވާލެވިފަ. އެހެން ތަނަކަށް ދާންވެސް ނުޖެހި ޢައްޒާއިން މީހުން ހުސްކުރުމަށް ހުޅުވާލައިގެން އެކަން ހިނގަމުންދަނީ. މިހާރު މާގިނަ މީހަކު ޢައްޒާގައި ނުތިބޭނެ، މިހާރުވެސް އެދާ ގޮތަށް ދާނަމަ ދުވަސްކޮޅެއްވާނީ އެތަން ހުސްވަން. އެކަން ކުރާ ފަރާތްތައް ކުށްވެރި ކުރުމަށް އެހެން ބުނެލުން ފިޔަވައި ކުރާ އެއްވެސް ކަމެއްނެތް
ރިޕްލައި