ރައްޔިތުންގެ ހިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ ބިލް ފާސްކުރަން ފެންނަ ކަމަށް 64 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ. ނުފެންނަ ކަމަށް 12 މެންބަރަކު ވޯޓު ދެއްވާފައިވެ އެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްްވި އެ ބިލަކީ ގާނޫނުއަސާސީގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭ ހާލަތްތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާ އަދި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާ އުސޫލުތައް ބަޔާންކޮށްފައިވާ ބިލެކެވެ.

މި ބިލުގައިވާގޮތުން ރައްޔިތުންގެ އާންމު ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ހާލަތުގައި ނުވަތަ ރައީސުލްޖުމްހުރިއްޔާގެ ގަރާރަކުން ނިންމަވާ ހާލަތުގައި އެ ވޯޓު ނެގުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަނާ ހަވާލުކުރާނެއެވެ. ރައްޔިތުންގެ ޚިޔާލު ހޯދަން ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ތާރީޚާއި ވޯޓު ނަގާ ތާރީޚާ ދެމެދު މަދުވެގެން 45 ދުވަހުގެ މުއްދަތެއް އޮންނަންވާނެކަމަށް ބިލުގައިވެ އެވެ.

އެފަދަ ވޯޓެއް ނަގަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާތާ ގިނަވަގެން 90 ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހޭނެކަމަށް އެ ބިލްގައިވެ އެވެ. އެކަމަކު ވަކި ސަރަހައްދެއްގެ ރައްޔިތުންގެ ހިޔާލު ހޯދުމާ ގުޅޭ ވޯޓެއް ނަގާނަމަ 45 ދުވަހަށްވުރެ ކުރު މުއްދަތެއްގައިވެސް އެ ވޯޓު ނެގުމުގެ އިހްތިޔާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ކަމަށް ވެސް ބިލްގައިވެ އެވެ.

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ފާސްވާނީ، ސައްހަ ވޯޓު 50 އިންސައްތައަށްވުރެ މަތިން ލިބިގެން ކަމަށް ވެސް އެ ބިލްގައިވެ އެވެ.

އެ އިންތިހާބަށް ހަރަދުވާ އަދަދު ފިނޭންސް މިނިސްޓްރީއަށް އިލެކްޝަން ކޮމިޝަނުން ހުށަހަޅާތާ 10 ދުވަހުގެ ތެރޭގައި އެ ފައިސާ ހަމަޖައްސަން ޖެހޭނެ ކަމަށް ވެސް އެ ބިލްގައިވެ އެވެ.