މިނިވަން މީޑިއާގައި ތަޅުއެޅުވުމަށް ރައްޔިތުންގެ މަޖިލީހުން އަންގާރަ ދުވަހު ފާސްކުރި ބިލާ ދެކޮޅު ހެދުމަށް އަދި ދިވެހި ނޫސްވެރިންނަށް ހިތްވަރު ދިނުމަށް އަވަށްޓެރި ސްރީލަންކާގެ ނޫސްވެރިން ކޮލަމްބޯގައި ހުންނަ ދިވެހި ހައިކޮމިޝަން ކުރިމަތީ މުޒާހަރާ ކުރަން ނިންމައިފި އެވެ.
ލަންކާގެ ނޫސްވެރިން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓަރެއްގައި ބުނީ މި މުޒާހަރާ އޮންނާނީ ލަންކާ ގަޑިން މިއަދު މެންދުރުފަހު 3:00 ޖަހާއިރު ކަމަށެވެ. ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ތާއީދުކުރީ ލަންކާގެ ރައްޔިތުންނަށް ވެސް މުޒާހަރާއަށް ވަނީ ދައުވަތު ދީފަ އެވެ.
ލަންކާގައި ދިރިއުޅޭ ބައެއް ދިވެހިން ވެސް މި މުޒާހަރާތަކުގައި ބައިވެރިވާނެ ކަމަށް ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ.
މަޖިލީހުން އަންގާރަ ދުވަހު ބިލު ފާސްކުރީ ހެނދުނުން ފެށިގެން ނޫސްވެރިންނާއި އާންމުން މަޖިލިސް ކައިރީގައި ބިލާ ދެކޮޅަށް މުޒާހަރާ ކުރަމުން ދަނިކޮށެވެ. ބިލަށް ވޯޓަށް އެހީ މަޖިލީހުގެ ތަޅުމުގައި ބިލާ ދެކޮޅަށް އަޑުއުފުލި އިދިކޮޅު އެމްޑީޕީ މެންބަރުންގެ ނަން އިއްވާ ތަޅުމުން ބޭރުކުރުމަށް ފަހުގަ އެވެ.
އެ ބިލު ތަސްދީގު ކުރުމުން މީޑިއާ ރެގިއުލޭޓް ކުރާނީ ރައީސް މުހައްމަދު މުއިއްޒު ފުރިހަމަ ކޮންޓްރޯލް އޮތް މަޖިލީހުން ތިން މެންބަރުން އައްޔަން ކުރާ، ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނަކުންނެވެ.