ނޭޕާލުގައި ސަރުކާރު ބަދަލުކުރި މުޒާހަރާ ތަހުގީގުކުރުމަށް މަގާމުން ދުރުކުރި ކުރީގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީ ގޮވާލައިފި އެވެ.
ނޭޕާލުގައި ސޯޝަލް މީޑިއާ ބޭންކުރުމާ ގުޅިގެން ޒުވާނުން އިސްނަގައިގެން ކުރި މުޒާހަރާތަކުގެ ސަބަބުން ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވި އޯލީ ފުރަތަމަ ފަހަރަށް އެކަމާއި ގުޅޭގޮތުން އެއްޗެއް ވިދާޅުވެފައި މިވަނީ ހުކުރު ދުވަހު "ނޭޕާލީ" އިން ކުރި ފޭސްބުކް ޕޯސްޓެއްގަ އެވެ.
މުޒާހަރާގެ ތެރެއިން 19 ޒުވާނުންނާއެކު 73 މީހަކު މަރުވި މި މުޒާހަރާގައި ސަރުކާރުން ފުލުހުންނަށް ބަޑި ޖެހުމަށް އަމުރު ނުކުރާ ކަމަށްވެސް ބުނެފައިވެ އެވެ. އޭނާ ވިދާޅުވީ މިކަމުގެ އަޑީގައި ތިބި މީހުން އެތައް ބައެއްގެ ފުރާނަ ނަގާލި މައްސަލައިގައި ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ. އެހެން ކަމުން މުޒާހަރާއާ ގުޅިގެން ތަހުގީގެއް ހިންގުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.
ސޯޝަލް މީޑިއާ ބޭންކުރުމުން ފެށުނު މުޒާހަރާތައް އިތުރަށް ގޯސްވީ ފުލުހުން މުޒާހަރާގެ ބައިވެރިންނަށް ހަމަލާ ދިނުމާއި ގައުމުގައި މޫލާފައިވާ ކޮރަޕްޝަނާއި ވެއްޓިފައިވާ އިޤްތިޞާދީ ހާލަތުންކަމަށް ގިނަ ބަޔަކު ބުނެ އެވެ. މުޒާހަރާގެ ފުރަތަމަ ދުވަހު 19 މީހަކު ވަނީ މަރުވެފަ އެވެ.
މުޒާހަރާގެ ބައިވެރިންވަނީ އެ ގައުމުގެ ރިޔާސީ ގަނޑުވަރު ހިމެނޭހެން ގިނަ ތަންތަނަށް ގެއްލުންދީފަ އެވެ. އޯލީ ތުހުމަތު ކުރައްވާ ގޮތުން މުޒާހަރާގެ ބައިވެރިން ދެވަނަ ދުވަހު ފުލުހުން ނުގެންގުޅޭ އޮޓަމެޓިކް ހަތިޔާރު ގެންގުޅެފައިވެ އެވެ.
އޯލީ މަގާމުން ވަކި ކުރުމަށްފަހު ހުންނެވީ އަސްކަރީ ހިމާޔަތުގައި ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކުރެ އެވެ.
ނޭޕާލުގެ ވަގުތީ ބޮޑުވަޒީރަކަށް އައްޔަން ކޮށްފައި ވަނީ ކުރީގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ސުޝިލާ ކާކީ އެވެ. އޭނާ ވަނީ ނޭޕާލުގައި އާއްމުވެފައިވާ ކޮރަޕްޝަން ނައްތާލާއި ރައްޔިތުންގެ އަޑުއަހާ ސަރުކާރެއް އެކުލަވާލުމުގައި އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފަ އެވެ.