ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި މަނާ ބޭސްތަކަކާއެކު އަންހެނަކާއި ތިން ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހުޅުމާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކުރި ކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކުރީ ދިވެހި އަންހެނަކާއި ދިވެހި ފިރިހެނެއްގެ އިތުރުން ބިދޭސީ ދެ ފިރިހެނުންނެވެ. ހައްޔަރުކުރީ ހމ. މާވަހަރު، ޝާނާ، 32، އާއި ށ. ފޭދޫ، މާވަސްގެ، އަހުމަދު ސައްފާން، 26، އާއި ބަންގްލަދޭޝް، ފާރޫކު ޗޮކީދާރު، 50، އާއި ބަންގްލަދޭޝް، ސަފިކް، 40، އެވެ.
އޮޕަރޭޝަނުގައި ބަލައިފާސްކުރި ދެ ތަނުން އަތުލައިގަތީ މަސްތުވާތެކެތި ކަމަށް ބެލެވޭ 24.06 ގްރާމުގެ ތަކެއްޗާއި 363 ގުޅަ މަނާ ބޭހުގެ އިތުރުން ކުށް ކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 4،500 ރުފިޔާ އެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝާނާ ގެ ބަންދަށް 10 ދުވަސް އަދި ދެންތިބި ތިން މީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފަ އެވެ.