މިނިވަން ނޫސްވެރިކަމާއި ހިޔާލުގައި ތަޅު އެޅުވޭ ގޮތަށް ހެދި ގާނޫނުގެ މީޑިއާތަށް ކޮންޓްރޯލް ކުރަން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުން އިންތިހާބު ކުރެވޭ ގަވާއިދު މިރޭ އާންމުކޮށްފި އެވެ.

މި އިއުލާނުގައިވާ ގޮތުން މީޑީއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް އުފައްދާ ކޮމިޝަނަށް މީޑިއާތަކުން މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކުރާ ދުވަހުން ފެށިގެން އެ މަގާމަށް ކުރިމަތިލުމަށް 10 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް މީޑިއާތަކުން ހަތަރު މެންބަރުން އިންތިހާބު ކުރާނެ އެވެ. އޭގެތެރޭގައި ހިމެނޭނީ ބްރޯޑްކާސްޓިން މީޑިއާތައް ތަމްސީލު ކުރާ ދެ މެންބަރުންނާއި އެހެން މީޑިއާތައް ތަމްސީލު ކުރާ ދެ މެންބަރުންނެވެ.

ކޮންޓްރޯލް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކާއި ކުރިމަތިލާ މީހުން ހުށަހަޅަންޖެހޭ ލިޔެކުންތަކުގެ ތަފުސީލުތައް އެ ގަވާއިދުގައި ބަޔާން ކޮށްފައިވެ އެވެ.

އެ ގަވާއިދުގައި ވާގޮތުން ކޮމިޝަނަށް މީޑިއާތަކުން އައްޔަނުކުރާ މެންބަރުންގެ ތެރެއިން ބްރޯޑްކާސްޓަރުން ތަމްސީލު ކުރާ މެންބަރުންނަށް ވޯޓު ލެވޭނީ ހަމައެކަނި ބްރޯޑްކާސްޓިން މީޑިއާތަކަށެވެ. އަދި އެހެން މީޑިއާތައް ތަމްސީލު ކުރާ މެންބަރުންނަށް ބްރޯޑްކާސްޓަރުން ފިޔަވައި އެހެން މީޑިއާތަކަށް ވޯޓު ލެވޭނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ. އެގޮތުން ކޮންމެ މީޑިއާއަކަށް ވެސް ލެވޭނީ އެއް ވޯޓު ކަމަށް އެ ގަވާއިދުގައި ބަޔާންކޮށްފައި ވެ އެވެ.

އިންތިހާބުގައި މީޑިއާތަކުން ވޯޓު ދޭ މީހުން ކޮމިޝަނުން ކަނޑައަޅާ އުސޫލެއްގެ ދަށުން އެ ކޮމިޝަނުގައި ރެޖިސްޓްރީ ވާން ޖެހެ އެވެ. އެގޮތަށް ރަޖިސްޓްރީ ވާން އެދި ހުށަހަޅާއިރު، އެ މީޑިއާއެއްގެ މަސްއޫލުވެރިޔާގެ ސޮޔާއެކު ތައްގަނޑު ޖެހި ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށް އެ ގަވާއިދުގައި ބަޔާން ކޮށްފައިވެ އެވެ.