ކެނެޑާގެ މަޝްހޫރު އެކްޓަރު އަދި މިއުޒިޝަން ކިއާނޫ ރީވްސްއާއި އޭނާގެ ބައިވެރިޔާ އެލެކްޒެންޑްރާ ގްރޭންޓް ސިއްރުން ކައިވެނި ކޮށްފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި ކިއާނޫއާއި އެލެކްޒެންޑްރާ ކައިވެނި ކޮށްފައިވަނީ މި ހަފްތާގެ ތެރޭގައި ޔޫރަޕްގެ ގައުމެއްގަ އެވެ. އެހެން ނަމަވެސް އެ ކައިވެންޏާ ބެހޭ މާ ގިނަ މައުލޫމާތެއް މީޑިއާއަށް ހާމަވެފައެއް ނުވެ އެވެ.

ބުނެވޭ ގޮތުގައި އެ ދެމީހުން ބޭނުންވީ އެ މީހުންގެ ކައިވެނި މީޑިއާގެ ލޯތަކަށް ނުފެނި ވަރަށް ސިއްރުވެރި ގޮތެއްގައި ހަމައެކަނި ގާތް މީހުންނާއެކު ބާއްވާށެވެ.

2009 ވަނަ އަހަރު އެންމެ ފުރަތަމަ ބައްދަލުވި އެ ދެމީހުންގެ ގުޅުން ލޯތްބަށް ބަދަލުވެ އޭގެ ދިހަ އަހަރު ފަހުން އެ މީހުން ވަނީ ފާޅުގައި އެ ގުޅުމަށް އެއްބަސްވެފަ އެވެ.

ކިއާނޫގެ ކުރީގެ ގުޅުންތަކަށް ބަލާއިރު 1999 ވަނަ އަހަރު އޭރު އޭނާގެ ލޯބިވެރިޔާ ޖެނިފާ ސްލައިމް ވަނީ އެމީހުންގެ ދަރިއަކަށް ބަލިވެ އިނދެ ބައިގެން ގޮސްފަ އެވެ. އޭގެ ދެ އަހަރު ފަހުން ޖެނިފާ ވަނީ ކާރު އެކްސިޑެންޓެއްގައި މަރުވެފަ އެވެ.

ކިއާނޫއާ ގާތް ފަރާތްތަކުން ބުނާ ގޮތުގައި އެލެކްޒެންޑްރާ ވަނީ ކިއާނޫގެ ދިރިއުޅުމަށް އަލުން އުފާވެރި ކަމާއި ހިތްހަމަ ޖެހުން ގެނައުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.