2003 ވަނަ އަހަރު ނުކުތް ބޮލީވުޑްގެ ކާމިޔާބު ފިލްމު "ތޭރޭ ނާމް"ގެ މަސައްކަތުގައި އުޅުނުއިރު އެ ފިލްމުގެ ލީޑު ތަރި ސަލްމާން ޚާން ވަރަށް ގިނައިން ރުއި ކަމަށް އެ ފިލްމުގެ ލަވަތަކުގެ ޅެން ހަދައިދިން ސަމީރު ބުނެފި އެވެ.
ސަމީރު ބުނީ އެ ދުވަސްވަރަކީ ސަލްމާންއާއި އޭނާގެ އޭރުގެ ލޯބިވެރިޔާ އައިޝްވާރްޔާގެ ގުޅުން ނިމުނު ދުވަސްވަރު ކަމަށާއި އެކަމުގެ ސަބަބުން ސަލްމާންއަށް ބޮޑު އަސަރެއް ކުރި ކަމަށެވެ.
އެގޮތުން "ތޭރޭ ނާމް"ގެ ޓައިޓަލް ލަވަ އަޑުއަހައިގެން ސަލްމާން ރޯން އިންނަ ތަން ކިތަންމެ ފަހަރަކު ފެނިފައިވާ ކަމަށް ވެސް ސަމީރު ބުންޏެވެ.
ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ސަމީރު އިތުރަށް ބުނީ އެ ލަވައިގެ ޅެން އޭނާ ހެދީ ސަލްމާންއަށް ހާއްސަ ކޮށްގެން ނޫން ކަމަށާއި އެހެން ނަމަވެސް ޅެމުގައި ބުނާ ބަސްތަކާއި ސަލްމާންގެ ދިރިއުޅުމާ ގުޅިފައިވުމަކީ އިއްތިފާގެއް ކަމަށެވެ.
"ފިލްމުގެ މަންޒަރުތައް ނެގުމުގެ ކުރިން އޭނާ ހިމޭޝް (ފިލްމުގެ މިއުޒިކް ޑިރެކްޓަރު)އަށް ގުޅައިގެން އެ ލަވަ އަޑު އަހާނެ" ސަމީރު ބުންޏެވެ.
"ތޭރޭ ނާމް"ގެ އަލްބަމްއަކީ ފުން މާނަ އެކުލެވޭ ޅެންތަކާއި ރީތި މިއުޒިކްތަކެއް ހިމެނޭ އާއްމުންގެ މެދުގައި މިހާރު ވެސް މަގުބޫލު އަލްބަމް އެކެވެ.