2025ގެ ކާމިޔާބު ބޮލީވުޑް ފިލްމު "ސައްޔާރާ"ގެ ލީޑު ދެ ތަރިން ކަމަށްވާ އަހާން ޕާންޑޭއާއި އަނީތު ޕައްޑާ އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް އަޑުތައް އަރައިފި އެވެ.
ބޮލީވުޑްގެ ހަބަރުތަކުން ބުނާ ގޮތުގައި "ސައްޔާރާ"ގެ ސެޓުން ބައްދަލުވި އެ ދެތަރިންގެ ގުޅުން އެކުގައި މަސައްކަތް ކުރުމުގެ ތެރެއިން ބަދަހިވެ ލޯތްބަށް ވަނީ ބަދަލުވެފަ އެވެ.
އެގޮތުން އަހާންއާއި އަނީތު ވަނީ ފިލްމަށް ފަހު ވެސް ބޭރު ތެރެއިން އެކީގައި ފެނިގެން ގޮސްފަ އެވެ. އެ ދެ މީހުންގެ އުޅުމުން އެމީހުންގެ ގުޅުން ވަރަށް ގާތްކަން ހާމަވެ އެވެ.
އެ ދެ ތަރިންނަކީ ފިލްމު "ސައްޔާރާ"ގައި ވެސް ދެ ލޯބިވެރިންގެ ރޯލުން ފެނިގެންދިޔަ ދެތަރިންނެވެ. އެ ފިލްމަށްފަހު ގިނަ ބަޔަކު ވަނީ އެ ދެމީހުން ވަރަށް ގުޅޭ ކަމަށް ބުނެފަ އެވެ.
އަހާންއާއި އަނީތުގެ ޖޯޑަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔައިރު ފިލްމުގެ ޕްރޮމޯޝަންތަކުގެ ތެރެއިން ވެސް އެ ދެމީހުންގެ ގުޅުން ފާހަގަވި އެވެ.
އަހާންއާއި އަނީތުގެ ފުރަތަމަ ފިލްމަކަށް "ސައްޔާރާ" ވެގެން ދިޔައިރު އެ ފިލްމަށް ލިބުނު ކާމިޔާބީއާއެކު އެ ދެމީހުން ވެފައިވަނީ ބޮލީވުޑްގެ އެންމެ ޒުވާން ފަންނާނުންނަށެވެ.