މަސްތުވާތަކެތީގެ މައްސަލައެއްގައި ށ. ފޭދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު މުސްތަފާ އާއި އޭނާގެ އަނބިމީހާ ފާތިމަތު ނާއިލާ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުދަ ދުވަހު ފޭދޫގެ ގެއެއް ބަލައިފާސްކުރި ކަމަށެވެ.

އެ ގެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ކަރުދާސްކޮޅާއެކު، ދެ މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މުސްތަފާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކުރި ކަމަށެވެ. އަދި ފާތިމަތު ނާއިލާ ހަތް ދުވަހަށް ބަންދުކުރުމަށް ފަހު، އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ، އޭނާ ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.