ރައްޔިތުންނަށް ހިދުމަތް ދިނުމަށް ހަދާފައިވާ ކުންފުނިތަކުގެ ވެރިންގެ މައްޗަށް ސާބިތުވާ ކޮރަޕްޝަންގެ މައްސަލަތަކުގައި އެ ކުށަކާ ގުޅިގެން ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުގެ މައްޗަށް އިއްޔެ ހުކުމް އިއްވެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ވިދާޅުވެއްޖެ އެވެ.
ރަސްމީ ހައިިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ ސައީދުގެ މައްޗަށް އިއްޔެ ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެއީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2018 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ފުރިހަމަކުރިކަން ކަށަވަރުނުކޮށް، މަސައްކަތް ނިންމި ކަމުގެ ލިޔުން ވެސް ނުލިބެނީސް 2019 އަހަރު އެ ކުންފުންޏަށް ފައިސާ ދޫކޮށްފައިވާތީ އެވެ.
ދައުލަތުން އެދުނީ ކުށުގެ އަސާސީ އަދަބު ކަނޑައަޅަން
ސައީދުގެ މައްޗަށް ކުރި ދައުވާ، ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އަދަބާ ބެހޭ ގޮތުން ވާހަކަ ދައްކަން ދިން ފުރުސަތުގައި ދައުލަތުން ބުނީ ސައީދުގެ މައްޗަށް އަދަބު މަތިވާނެ އަދި ދަށްވާނެ ހާލަތެއް ވެސް ނުފެންނަ ކަމަށެވެ. އެހެން ކަމުން ކުށުގެ އަސާސީ އަދަބު ސައީދުގެ މައްޗަށް ކަނޑައަޅައިދިނުމަށް ވަނީ އެދިފަ އެވެ.
މިއީ ގާނޫނުލްއުގޫބާތުގައި ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެއް ކަމަށް ވާތީ ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ވިދާޅުވީ ކޮރަޕްޝަނުގެ އަމަލު ހިންގާ މީހުންނަށް އަދަބު ލިބޭތަން ފެންނަނީ ނުހަނު މަދުންކަމަށާއި އަދި އަދަބު ލިބޭ ނަމަ ލިބޭ އަދަބަކީ ވެސް ނިސްބަތުން ކުޑަ އަދަބަކަށް ވާތީ، މިފަދަ އަމަލުތައް ހިންގާ މީހުންނަށް ލިބޭ ހިތްވަރަކަށް މިކަންވާ ކަމަށެވެ.
ސައީދަށް ދިން ފުރުސަތުގައި ބުނީ ކުރިން ދުވަހަކު ވެސް އޭނާގެ މައްޗަށް ކުށެއް ސާބިތުވެފައި ނުވާތީ، ގާނޫނުލްއުގޫބާތުގައި އަދަބަށް ބަދަލު ގެނައުމާ ބެހޭ މާއްދާއަށް ރިއާޔަތްކޮށް ކުށުގެ ދަރަޖަ އަސާސީ މިންގަނޑުން އެއް ދަރަޖަ ދަށްކުރަންޖެހޭ ކަމަށެވެ. މީގެ އިތުރުން، އޭނާގެ މައްޗަށް ކުށް ސާބިތުވި ކަންކަމަށް ބަލާއިރު އެ ކަންކަން ކޮށްފައިވަނީ ލިބިފައި އޮތް ގާނޫނީ ލަފައެއްގެ މައްޗަށްކަން އެނގޭ ކަމަށާއި އެއީ ފުރިހަމަނުވާ މައާފް ލިބެނިވި ދިފާއުއަކަށް ވާތީ ކުށުގެ އަސާސީ އަދަބު ދެ ދަރަޖަ ދަށްކޮށްދިނުމަށް ސައީދުގެ ފަރާތުން އެދުނެވެ. އޭރުން އަދަބަކަށް ވާނީ ހަތަރު މަހާއި 24 ދުވަހެވެ.
ސައީދު ވަނީ މިގޮތަށް އަދަބު ލުއިކުރުމަށް ފަހު ފަހުން އަންނަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު އަދަބުގެ ތިން ބައިކުޅަ އެއްބައި ޖޫރިމަނާއަށް ބަދަލުކޮށްދިނުމަށް ވެސް އެދިފަ އެވެ.
ދެ ފަރާތަށް ރައްދު ދެއްވައި އިސް ގާޒީ ކަނޑައެޅުއްވީ މި މައްސަލައިގައި އަދަބު މަތިކުރާނެ ހާލަތެއް ފާހަގާނުވާ ކަމަށް ޕީޖީގެ ފަރާތުން ބުނި ނަމަވެސް އަދަބު މަތިކުރާނެ ގިނަ ހާލަތުތަކެއް އެބަހުރި ކަމަށެވެ.
މި މައްސަލައިގައި މި ދައްކަނީ މަސައްކަތް ނުކުރާ ބަޔަކަށް، އެއްބަސްވުންތަކެއް ހަދައިގެން ގިނަ އަދަދެއްގެ ފައިސާ، ފެނަކައިގެ އިސް ވެރިން ދީފައިވާ ވާހަކަ ކަމަށާއި ފުރަތަމަ އެއްބަސްވުމުން ފެށިގެން ސެޓުލްމަންޓް އެއްބަސްވުމާ ހަމައަށް މި އަމަލުތަކުގެ ސަބަބުން 805،600ރ. ދައުލަތަށް ގެއްލުން ވެފައިވާ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.
ހުކުމުހައި ބުނެފައިވަނީ ރައްޔިތުންގެ ފައިސާއިން ހިންގާ މިފަދަ ކުންފުނިތަކުގެ އިސް ވެރިންގެ ގޮތުގައި ތިބޭ ފަރާތްތަކުން ހިންގާ ބޮޑެތި ކޮރަޕްޝަންތަކުގެ އަމަލުތަކުގެ ސަބަބުން، އެ ކުންފުނިތެރޭގައި ވެސް ކޮރަޕްޝަނަށް ދޮރު ހުޅުވި އެ ފަސާދަ ފުޅާވެގެން ދިއުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
އިސް ގާޒީ ވިދާޅުވީ މިގޮތަށް ވަކި ބަޔަކަށް ނުހައްގު ފައިދާ ހޯދުމަށްޓަކައި ހިންގާ އަމަލުތަކުގެ ނަތީޖާއަކަށް ވަނީ ކުންފުނިތަކުގެ ހިންގުމުގެ ހަރަދު ބޮޑުވެ، އެ ފޫބެއްދުމަށްޓަކައި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުން އަގު ބޮޑުކުރުން ކަމަށެވެ.