މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޑްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ސީއީއޯގެ މަގާމަށް މުހައްމަދު ބައްސާމް އާދަމް މިއަދު އައްޔަނުކޮށްފި އެވެ.
މަޓާޓޯގެ ސީއީއޯއަކަށް ބައްސާމް ހަމަޖެއްސީ އެ މަގާމަށް ކުރިމަތިލި މީހުންގެ ތެރެއިން އިންޓަވިއު ޕްރޮސެސް ނިންމައި އެންމެ މަތިން މާކްސް ލިބުމުންނެވެ. މަޓާޓޯގެ ސީއީއޯގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އާމިނަތު ސޫޒަން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީ ދާއިރާގައި 20 އަހަރުގެ ތަޖުރިބާ ހުރި ބައްސާމް ވަނީ ކުރިން ޓްރެވެލް އެޖެންސީތަކާއި އެއާލައިންތަކުގެ އިތުރުން ޑެސްޓިނޭސަން މާކެޓިންގައި އިސް ރޯލުތަކެއް އަދާކޮށްފަ އެވެ.
އެމްއެމްޕީއާރްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަން ވެސް ފުރުއްވާފައިވާ ބައްސާމް މިދިޔަ އަހަރު އެ މަގާމުން ވަކިކުރީ ހަރަދު ކުޑަކުރަން ރައީސް މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ތެރެއިން ކަމަށް ބައްސާމް ކުރިން ވިދާޅުވެފައިވެ އެވެ.
އެމްއެމްޕީއާރުސީގައި ހޭދަކުރެއްވި ދުވަސްވަރުގައި މުވައްޒަފުންގެ ދުޅަހެޔޮކަން އިތުރު ކުރުމަށާއި، ޑެސްޓިނޭޝަން މާކެޓިން ކުރިއެރުވުމަށާއި، ބައިނަލްއަގުވާމީ ޕާޓްނާޝިޕްތައް ކުރިއެރުވުމަށް އޭނާ މަސައްކަތް ކުރެއްވި އެވެ.