އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

މިމަހުގެ 23 ވަނަ ދުވަހުގެ ރޭ 1:17 ހާއިރު ހިނގި މި މާރާމާރީގައި 34 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެފައިވެ އެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އޭނާއަށް އަންނަނީ ފަރުވާދެމުންނެވެ.

އޭނާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސ. ހިތަދޫ، ސަންރީފް، އަލީ އަސްއަރު، 30، ކަމަށެވެ.

އޭނާގެ ބަންދަށް މިދިޔަ އާދިއްތަ ދުވަހު ކޯޓުން ވަނީ 30 ދުވަސް ޖަހާފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ތަހުގީގު ކުރަމުން ދަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.