އޮރިޔާން ކާޑު ގެންގުޅުމުގެ ތުހުމަތުގައި ދައުވާ ކުރެވިފައިވާ ރެޕް ލަވަކިޔުންތެރިޔާ ސޯން ކޯމްބްސް (ޑިޑީ)އަށް މަދުވެގެން 11 އަަހަރުގެ ޖަލު ހުކުމެއް ކުރިމަތި ކުރުވަން ދައުވާ ހުށައެޅި ފަރާތްތަކުން މަސައްކަތް ކުރަމުން އެބަދެ އެވެ.

ޑިޑީގެ ކުރީގެ ލޯބިވެރިޔާ ކެސީ ވެންޓޫރާ ހިމެނޭހެން އެ މައްސަލާގައި ހެކި ބަސް ދިން ފަރާތްތަކުން ވަނީ ޑިޑީއަށް ލުއި ދިނުމަށް ދެކޮޅު ހަދާފަ އެވެ.

އެ ފަރާތްތަކުން ޑިޑީއަށް ލުއިދޭން އިންކާރު ކޮށްފައިވަނީ އޭނާ އަވަހަށް މިނިވަން ވެއްޖެނަމަ އެމީހުންގެ ރައްކާތެރިކަމާމެދު ކަންބޮޑުވާ ކަމަށް ބުނެ އެވެ.

މައްސަލަ ބަލާ ފަނޑިޔާރު އަރުން ސުބްރަމާނިއަމް ވަނީ މީގެ ކުރިން ޑިޑީގެ ވަކީލުން އޭނާއަށް ލުއިދޭން ހުށައެޅި ހުށައެޅުން ވެސް ކޯޓުން ބޭރު ކޮށްލާފަ އެވެ.

އެ ހުށައެޅުމުގައި ޑިޑީގެ ފަރާތުން ވަކީލުން ބުނެފައިވަނީ އޭނާ ގެންގުޅުނު ފޮޓޯއާއި ވީޑިއޯފަދަ ތަކެއްޗަކީ އޭގައި ހިމެނޭ މީހުންގެ ހުއްދައާއެކު ނަގާފައިވާ އެއްޗެހި ކަމަށެވެ.

އެހެންނަމަވެސް ހެކިބަސް ދިން ފަރާތްތަކުން ވަނީ އެކަން ދޮގުކޮށް އެކިފަހަރު މަތިން ޑިޑީގެ ފަރާތުން ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ބުނެފަ އެވެ.

ޑިޑީއަށް ހުކުމް ކުރަން ބާއްވާ ޝަރީއަތުގެ މަޖިލިސް އޮންނާނީ އަންނަ ހުކުރު ދުވަހު ކަމަށް ހޮލީވުޑްގެ ހަބަރުތަކުން ބުނެ އެވެ.