އޮކްޓޯބަރު 3، ގައި އިދިކޮޅު އެމްޑީޕީން މާލޭގައި ބާއްވާ ބޮޑު އެއްވުން ހުއްޓުވުމަށް މާލޭގަައި ހަރަކާތްތެރިވާ ގޭންގުތަކަށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ފައިސާ ދެމުންދާ ކަމަށް އެ ޕާޓީން ތުހުމަތުކޮށްފި އެވެ.

އެމްޑީޕީން އެ މުޒާހަރާގެ ތެރޭގައި ހަމަނުޖެހުން ހިންގައި ތަންތަނަށް ގެއްލުންދޭނެ އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ ފުލުހުން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.

އެކަމާ ގުޅިގެން އެމްޑީޕީން ރައްދުގައި ނެރުނު ބަޔާނުގައި ވަނީ ފުލުހުންގެ ބަޔާނުގައި ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ އެއްވުމުގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށާއި އެއްވުން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މަގުތަކާއި ރޫޓުގެ ތަފްސީލު ހިމަނައި ލިޔުމުން ހުއްދައަށް ވެސް އެދިފައިވާނެ ކަމަށެވެ.

"އެމްޑީޕީން ބާއްވަން ހަމަޖެހިފައިވާ ސުލްހަވެރި ސިޔާސީ ހަރަކާތް ހަލަބޮލިކޮށް، ހަމަނުޖެހުން ހިންގުމަށް މުއިއްޒުގެ ސަރުކާރުން ކުށްކުރާ ގްރޫޕްތަކަށް ފައިސާ ދީގެން އެ ގްރޫޕްތައް ނެރުމަށް ކުރަމުންދާ މަސައްކަތްތައް ކުށްވެރި ކުރަމެވެ" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީން ބުނީ ގޭންގުތައް ނެރެގެން ޕީއެންސީއިން އެމްޑީޕީގެ އެއްވުމަށް ހުރަސް އަޅަން އުޅޭކަން ފުލުހުންނަށް މީގެކުރިން އަންގާފައިވާނެ ކަމަށެވެ. އަދި އެ ތުހުމަތު ފުލުހުން އެޅުވީ އެ ޕާޓީގެ ބޮލުގައިކަން ފާހަގަކޮށް އެމްޑީޕީން ވަނީ ފުލުހުންގެ އަމަލުތައް ކުށްވެރިކޮށްފަ އެވެ.

ފުލުހުންގެ ބަޔާނުގައިވާ ކަންތައްތަކަށް ބެލުމުން ވެސް ފުލުހުންގެ މުއައްސަސާ މިއަދު އޮތީ މުއިއްޒުގެ މުށުތެރޭގައިކަން ސާފުވާ ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީގެ މުޒާހަރާ ފެށުމަށް ހަމަޖެހިފައި ވަނީ އާޓިފިޝަލް ބީޗް ސަރަހައްދުންނެވެ.