ވެރިކަމުގެ ފަސް އަހަރު ނިމުނު އިރު، ޖަވާބުދާރި ނުވެވޭ އެއްވެސް ކަމެއް ކޮށްފައި ނޯންނާނޭ ކަމަށް ކުރީގެ ރައީސް އިބުރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އޮޑިޓަރ ޖެނަރަލްގެ އޮފީހުން ނެރެފައިވާ، ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓާ ގުޅިގެން ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ ވެރިކަމުގައި ހުންނެވި އިރު، ރައްޔިތުންގެ ލޯ ލާރިއެއްގައި ވެސް ޖެހިވަޑައިގެންފައި ނުވާނެ ކަމަށާއި، ޖަވާބު ދާރީ ނުވެވޭ އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ ކަމަށެވެ.
އެގޮތުން ރައީސް ސޯލިހު ވިދާޅުވެފައި ވަނީ، އެމަނިކުފާނަށް ޖަވާބުދާރީ ނުވެެވޭ ވަރުގެ އެއްވެސް ކަމެއް ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ކޮށްފައި ނުވާނެ ކަމަށެވެ. ވެރިކަމުގެ ތެރޭގައި ކުރައްވާފައިވާ ކޮންމެ ކަމަކާއި، އަޅުއްވާފައިވާ ކޮންމެ ފިޔަވަޅަކާ މެދު ވެސް، ކޮންމެ ތަނެއްގައި ވެސް އެމަނިކުފާނަށް ޖަވާބުދާރީ ވެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓަށް އިޝާރާތް ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ފެނަަކައިގެ ތެރެއިން އެމަނިކުފާނަށް އެއްވެސް ފައިދާއެއް، ނުވަތަ ފައިސާއެއް ލިބިވަޑައިގެންފައި ނުވާނެ ކަމަށެވެ.
ފެނަކައާ ގުޅިގެން ނެރެފައިވާ އޮޑިޓް ރިޕޯޓުގައި ސިޔާސީ ކުލަ ޖެހިފައިވާ ކަމަށާއި، އެކަމުގެ އެއް ސަބަބަކީ ދަންވަރު ގަޑިއެއްގައި އެ ރިޕޯޓު ނެެރެފައިވުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މާކުރިން ފެށިގެން ދައުލަތުގައި ކޮރަޕްޝަންގެ މޫލާފައި އޮތް ކަމަށާއި ވަރަށް ގިނަ މަސައްކަތް ކޮށްގެން ނޫނީ އެކަމުން އަރައި ނުގަނެވޭނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި އެ މަސައްކަތް ފަށާފައި އޮންނާނެ ކަމަށް ވިދާޅުވި އެވެ.
ކޮރަޕްޝަން ނައްތާލުމަށްޓަކައި މިނިވަން ޖުޑިޝަރީއެއް ބޭނުންވާކަން ފާހަގަ ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ސުޕްރީމް ކޯޓާއި، ޖުޑިޝަރީ އަށް އިތުބާރު ހޯދިފައި އޮތް ކަމަށެވެ. އެހެން ނަމަވެސް، މި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ޖުޑިޝަރީ އަށް އޮތް އިތުބާރު ގެއްލެމުން އަންނަ ކަަމަށް ވިދާޅުވި އެވެ.
މިއަދު ފެންނަނީ އޮޑިޓާ ޖެނަރަލްގެ އޮފީސް ކޮމްޕޮރަމައިޒް ވެފައިވާ މަންޒަރު ކަމަށާއި މިިނިވަން މުއައްސަސާތައް ވެސް މިއަދު ކޮމްޕްރަމައިޒްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.