މާދަމާ ރޭ އެމްޑީޕީގެ ބޮޑު މުޒާހަރާ ބާއްވަން ވަގުތު ކުޑަތަންވެފައި ވަނިކޮށް މިދިޔަ ސަރުކާރުގައި އެޗްޑީސީން ހިންގި ކަމަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލަތަކެއް ތަހުގީގީ އިދާރާތަކަށް އެ ކުންފުނިން ހުށަހަޅައިފި އެވެ.
އެޗްޑީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 2019 އިން 2023 އާ ދެމެދުގައި އެ ކޯޕަރޭޝަނުގެ މިލްކިއްޔާތުގައިވާ ބިމާއި މުދަލާއި ހިދުމަތުން 200 ވަރަކަށް މިލިއަން ރުފިޔާއަށް ބައެއް ފަރާތްތަކުން ހިޔާނާތްތެރިވެފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން ބުނީ އެ ހިޔާނާތުގެ ތެރޭގައި އެ ކޯޕަރޭޝަނުގެ މުދަލުން ވައްކަން ކުރުމާއި ކޯޕަރޭޝަނުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި ކޯޕަރޭޝަނަށް ގެއްލުންވާ ގޮތަށް ކޯޕަރޭޝަނުގެ ތެރެއިން ބިންތައް ކުއްޔަށް ދިނުން ފަދަ މައްސަލަތައް ހިމެނޭ ކަމަށެވެ.
އެމްޑީޕީގެ ބޮޑު މުޒާހަރާއާ ދިމާކޮށް އެ މުޒާހަރާއަށް މީހުން ދިޔަނުދޭން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސަރުކާރު ބައެއް ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިކޮށްގެން މާދަމާ ރޭ ހަރަކާތްތަކެއް ބާއްވަން ވަނީ ނިންމާފަ އެވެ.