މިދިޔަ ހުކުރު ދުވަހު އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި ބޭނުންކުރި ސޮނިކް ވެޕަން އިތުރަށް ބޭނުންނުކުރަން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
އެ ޕެޓިޝަންގައި ބުނެފައިވަނީ, ޖެޓެއްގެ އިންޖީނުގެ އަޑު ކައިރިން އިވޭ މިންވަރަށް ވުރެ ވެސް އަޑުބާރު ސޮނިކް ވެޕަން ފުލުހުން ބޭނުން ކުރުމަކީ އާންމު ސިއްހަތަށް ނުރައްކާވާނެ، އިންސާނީ ހައްގުތަކާ ވެސް ހިލާފު އަމަލެއް ކަމަށެވެ.
ސޮނިކް ވެޕަންއަކީ ލޯންގު ރޭންޖް އެކޮސްޓިކް ޑިވައިޒް ނުވަތަ އެލްއާރުއޭޑީ ބޭނުންކޮށްގެން އެއް ރިދަމަކަށް އުފައްދާ ގަދަ އަޑެކެވެ. އެއީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ބޭނުންކުރާ އެ ގައުމުގެ އުފެއްދުމެއް ކަމަށް އެމްޑީޕީގެ ގާނޫނީ ޓީމުން ވަނީ ބުނެފަ އެވެ.
އެ ހަތިޔާރު ބޭނުންކުރުމުގެ ސަބަބުން މުޒާހަރާގެ ބައިވެރިންނާއި މުޒާހަރާކުރި ސަރަހައްދުގެ ގެތަކުގައި ދިރިއުޅޭ އާއިލާތަކާއި ކުޑަކުދިންނަށް އޭގެ އަސަރު ކުރި ކަމަށް ވެސް ޕެޓިޝަންގައި ބުނެފައިވެ އެވެ.
ސޮނިކް ވެޕަން ބޭނުންކުރި މައްސަލަ ރައީސް މުހައްމަދު މުއިއްޒު އާއި ހޯމް މިނިސްޓަރު އަލީ އިހުސާން ވަގުތުން ވަގުތަށް ބަލައި، ކްރައުޑް ކޮންޓްރޯލްކުރަން އެ ހަތިޔާރު ބޭނުންކުރުން ހުއްޓާލުމަށް އެ ޕެޓިޝަންގައި ޑިމާންޑްކޮށްފައިވެ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަދި ޖުޑިޝަރީއިން އެކަމުގައި ޒިންމާދާރުުކުރަން ޖެހޭ ފަރާތްތައް ޒިންމާދާރު ކުރުވުމަށް ވެސް އެ ޕެޓިޝަންގައި ގޮވާލާފައިވެ އެވެ.
ސޮނިކް ވެޕަން ބޭނުންކުރި މައްސަލައިގައި އާންމުން ފާޑުކިޔަން ފެށުމުން އެކަން ދިފާއުކޮށް ފުލުހުން އިއްޔެ ބަޔާނެއް ނެރުނެވެ. އެ ބަޔާނުގައި ބުނެފައި ވަނީ މުޒާހަރާގައި ބާރުގެ ބޭނުންކޮށްފައި ވަނީ ކަނޑައަޅާފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ނަގަހައްޓަން ޖެހޭ އަސާސްތަކާ އެއްގޮތަށް ކަމަށެވެ.