ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ޚާއްސަ ގޮނޑުދޮށުގައި ދުވުމުގެ މުބާރާތް "ދަ ޝޯ ރަނިން ފެސްޓިވަލް" އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

ވީ ރަން މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ، މި ދުވުމުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހު ހުޅުމާލޭ ގޮނޑުދޮށުގަ އެވެ.

"ދަ ގްރޭޓެސްޓް ޝޯ" ގެ ނަމުގައި ރޭވިފައިވާ މި ފެސްޓިވަލްގައި ތަފާތު އުމުރުފުރާތަކަށް އަމާޒުކޮށްގެން ތިން ބާވަތެއްގެ މުބާރާތެއް ބާއްވަން ވަނީ ނިންމައިފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 10 ކިލޯމީޓަރުގެ ސަންރައިޒް ރޭސް، 5 ކިލޯމީޓަރުގެ ސަންސެޓް ރަން އަދި ކުޑަކުދިންނަށް ޚާއްސަ ދެ ކިލޯމީޓަރުގެ ކިޑްސް ޑޭޝް އެވެ.

ދިހަ ކިލޯމީޓަރުގެ ސަންރައިޒް ރޭސް ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 6:00 ގަ އެވެ. މި ރޭހުގައި ބައިވެރިވާ ފަރާތްތަކަށް ރޭސް ނިންމުމަށް 1 ގަޑި 45 މިނެޓުގެ ވަގުތު ދެވޭނެ އެވެ. އަދި 5 ކިލޯމީޓަރުގެ ސަންސެޓް ރަން ފެށޭނީ ހަވީރު 4:30 ގަ އެވެ. އަދި މި ރޭސް ނިންމުމަށް 55 މިނެޓުގެ ވަގުތު ލިބޭނެ އެވެ. އަދި މީގެ އިތުރުން 4 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްސަ ދެ ކިލޯމީޓަރުގެ ކިޑްސް ޑޭޝް ފެށޭނީ ހަވީރު 4:45 ގަ އެވެ.

މި ފެސްޓިވަލްގެ ޚާއްޞަ ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ދުވުމުގެ މުބާރާތްތަކުގެ އިތުރުން ގޮނޑުދޮށުގައި ކުރިއަށްދާ މުނިފޫހިފިލުވުމުގެ ޙަރަކާތްތަކެވެ. މީގެ ތެރޭގައި ރެޑިކަލް ފިޓްނެސް ގްރޫޕް ސެޝަންތަކާއި، ސްޓޭޖް ޝޯތަކާއި، ކާނިވަލް ފެސްޓިވަލް ޒޯނެއް ހިމެނެ އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފީއަކީ 250 ރުފިޔާ އެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވީ ރަން މޯލްޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ. މި ފެސްޓިވަލްއަކީ ހަމައެކަނި ދުވުމުގެ މުބާރާތަކަށްވުރެ ބޮޑަށް، މުޅި އާއިލާއަށް އަމާޒުކޮށްގެން ރޭވިފައިވާ މުނިފޫހިފިލުވުމުގެ ފެސްޓިވަލްއެއް ކަމަށް އިންތިޒާމް ކުރާ ފަރާތުން ބުނެ އެވެ.

ވީރަންގެ އަމާޒަކީ ރާއްޖޭގެ މޫދާއި ބީޗުގެ ރީތިކަން ދުވުމުން ދެއްކުން ކަމަށް މި އިވެންޓް އިންތިޒާމު ކުރާ ފަރާތުން ބުނެ އެވެ.