ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން މިހާތަނަށް 1،200 އަށް ވުރެ ގިނަ މީހުން ސެކިއުރިޓީ ޑިޕޮސިޓް ދައްކައިފި އެވެ.

އެ ފްލެޓްތަކަށް ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެޑްވާންސް ޑިޕޮސިޓް ފައިސާ ދައްކަން އެންގި 1،731 މީހުންގެ ތެރެއިން މިހާތަނަށް 1،273 މީހުން ފައިސާ ދައްކާފައިވާ ކަމަށެވެ.

ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކޮށް، ސެކިއުރިޓީ ޑިޕޮސިޓް ދައްކަން އަންގަމުން އަންނަނީ ފްލެޓްތައް ނިމިފައިވާ ތަރުތީބުންނެވެ. މިހާތަނަށް 3،140 މީހުން އެގްރީމެންޓްގައި ސޮއިކޮށް ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ންޑިއާގެ އެގްޒިމް ބޭންކްގެ ލޯނު އެހީގެ ދަށުން އިމާރާތްކޮށްފައިވާ ޓަވަރުތަކުގައި ހިމެނެނީ ދެ ކޮޓަރީގެ ފްލެޓާއި ތިން ކޮޓަރީގެ ފްލެޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރަނީ 7،000ރ. އަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި 1،000ރ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ކަނޑައަޅާފައި ވަނީ 15،000ރ. އެވެ.

ތިން ކޮޓަރީގެ ތަންތަނުގެ މަހު ކުއްޔަކީ 9،500ރ. އަށެވެ. އެއީ މެއިންޓެނަންސް ފީގެ ގޮތުގައި 1،500ރ. އަދި ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. ދައްކަންޖެހެ އެވެ.

ޖުމްލަ ދައްކަންޖެހޭ ފައިސާގެ އަދަދު 25 އަހަރަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސައިދީފަ އެވެ. އެތަންތަން މިލްކުވާނީ ފައިސާ ދައްކައި ހަލާސްކުރުމުންނެވެ.