ރޭ އިރާކޮޅު މާލޭގެ އޮލިމްޕަސް ހިމެނޭ ސަރަހައްދު އާދަޔާ ހިލާފަށް ހަލަބޮލިވި އެވެ. ދިވެހި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ކުންފުނި ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދިން "އަލިފާން"ގެ ޕްރިމިއާ ނައިޓަށް އެންމެން ވެސް ދިޔައީ އެ ޕްރޮޑަކްޝަނުން ދެއްކި ވާހަކަތަކާއެކު ފިލްމަށް އިންސާފު ކުރާށެވެ.

މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދު ޕްރޮޑިއުސްކޮށް ޕްރޮޖެކްޓް 37ގެ ނަމުގައި އެންމެ ފުރަތަމަ އިއުލާން ކުރެވުނު "އަލިފާން"ގެ ޓީޒާ އާއްމުކުރި ދުވަހުން ފެށިގެން ފިލްމު ރިލީޒް ކުރުމާ ހަމައަށް ފިލްމާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ދެކެވިފައިވެ އެވެ.

ވާހަކަ

އަހުމަދު ތޮލާލް ލިޔެފައިވާ "އަލިފާން"ގެ ވާހަކައާއި ސްކްރީންޕްލޭއަކީ މިހާތަނަށް ދިވެހި ރާއްޖޭގެ ފިލްމަކުން ދައްކުވައިދީފައިނުވާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ. އެއީ ދިވެހި ރާއްޖޭގެ ކުށުގެ ވެއްޓާއި މި މުޖުތަމައުގެ އަނދިރި ފަރާތް ދައްކުވައިދޭ ފިލްމެކެވެ. ހެވާއި ނުބައި ވަކިކުރުމާއި ލިބޭ އަނިޔާއަށް އިންސާފު ހޯދުމުގެ ދަތުރު ފިލްމުގެ ތެރެއިން ފެނިގެންދެ އެވެ. ފިލްމުގެ ކޮންމެ ކެރެކްޓަރަކީ ވެސް ވާހަކައަށް މުހިއްމު ކެރެކްޓަރަކަށް ވާއިރު އެ ކެރެކްޓަރުތައް ބިނާ ކުރެވިފައިވަނީ ވަރަށް ރަނގަޅަށެވެ.

އެކްޓިން

މުހިއްމު ކެރެކްޓަރުން

  • ޝީލާ ނަޖީބު - ފަރީދާ
  • ރަވީ ފާރޫގު - އިބްރާހިމް (އިއްބެ)
  • މައިހާ އާދަމް - މަރީ
  • ޝަރަފް އަބްދުﷲ - ރާޑޯ
  • މުހައްމަދު ފައިސަލް - ސާޓު
  • މޫސާ އަލީފް - މީމު

ފިލްމުގެ ތެރެއިން ފެނިގެންދިޔަ ކޮންމެ އެކްޓަރެއް ވެސް އެ އެކްޓަރެއްގެ ކެރެކްޓަރަށް ފުރިހަމައަށް އިންސާފު ކޮށްދީފައިވެ އެވެ. އޭގެ ތެރެއިން ވެސް ޝީލާ ނަޖީބުގެ އެކްޓިން ފާހަގަ ކޮށްލަން ޖެހެނީ އެއީ މީގެ ކުރިން އޭނާ ފެނިފައިވާ ކެރެކްޓަރުތަކާ މުޅިން ތަފާތު ރޯލަކަށް ވެފައި އެ ރޯލު ކުޅެދީފައިވާ ގޮތް މޮޅުކަމުންނެވެ. އެއާއެކު ރާޑޯގެ ރޯލުން ފެނިގެންދިޔަ ޝަރަފް ވެސް ވަނީ އޭނާގެ ކެރެކްޓަރު ދެކެ ބެލުންތެރިނަށް ރުޅި އަންނަ ވަރު ކޮށްދީފަ އެވެ. ލީޑު ކެރެކްޓަރުންގެ އިތުރުން ސަޕޯޓިން ރޯލުތަކުން ފެނިގެންދިޔަ ތަރިންގެ ތެރޭގައި ޖޭމު އައްލޯއާއި އާމިނަތު ޝުހާ، އާދަމް ރިޒްވީ އަދި މުހައްމަދު ހާޒިފް ހިމެނޭއިރު އެ ތަރިންގެ ފަރާތުން ވެސް ފާހަގަކޮށްލެވޭ އެކްޓިންއެއް ފެނިގެންދިޔަ އެވެ.

ވީއެފްއެކްސްއާއި ސިނަމެޓޮގްރަފީ

"އަލިފާން"ގެ ވީއެފްއެކްސްގެ ތެރެއިން ދިވެހި ފިލްމުތަކުން އާއްމުކޮށް ނުފެންނަ ފަދަ މަންޒަރުތަކެއް ފެނިގެންދިޔަ އެވެ. އެއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނީ ސިނަމެޓޮގްރަފީ ގެނެސްދީފައިވާ ގޮތުންނެވެ.

މިއުޒިކްއާއި ބެކްގްރައުންޑް މިއުޒިކް

ފިލްމުގެ ތެރެއިން 70އާއި 80ގެ ދިވެހި ލަވަތަކެއް ބޭނުން ކުރެވިފައިވާއިރު ބެކްގްރައުންޑް މިއުޒިކުން ފިލްމުގެ ޖޯންރާ ކަމަށްވާ ކްރައިމް ސަސްޕެންސް ތުރިލާގެ ސިފަތައް ގެނުވައިދެ އެވެ.

ޑައިރެކްޝަން

އަހުމަދު ޝިފާއު އަދި ރަވީ ފާރޫގްގެ ޑައިރެކްޝަނެއްގައި ފެންނަން އުއްމީދުކުރި ހުރިހާ ސިފަތަކެއް ފިލްމުގެ ތެރެއިން ފެނިގެންދިޔަ އެވެ. ހާއްސަކޮށް އެކްޝަން މަންޒަރުތައް ގެނެސްދެވިފައިވާ ގޮތުން ކޮންމެ މަންޒަރަކަށް ވެސް ބެލުންތެރިންގެ ޝައުގުވެރިކަން އިތުރު ކުރުވަ އެވެ.

ޖުމްލަކޮށް......

"އަލިފާން" ފިލްމަކީ 18 އަހަރުން މަތީގެ އުމުރުފުރާއަށް ހާއްސަ ފިލްމަކަށް ވާއިރު ފިލްމުގައި ކުޑަކުދިންނާ ނުގުޅޭ މަންޒަރާއި އަޑު ހިމެނިފައިވެ އެވެ. ހާއްސަކޮށް ފިލްމުގެ ތެރެއިން ބޭނުން ކޮށްފައިވާ ބަހުރުވައަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. އެއާއެކު ވެސް އެ ފިލްމުގެ ތެރެއިން މުޖުތަމައުއަށް ބޭނުންތެރި މެސެޖެއް ފޯރުކޮށްދެ އެވެ. އަނިޔާ ލިބެމުންދާއިރު ބަލަން ނުހުރެ އެ މީހަކަށް އެހީވުމެވެ. އެހެން ނަމަވެސް އެހީވުމުގައި ވެސް ވަކި ހައްދެއް ގެންގުޅެން ޖެހޭކަން ހަނދާންކުރަން ޖެހެ އެވެ.