ކަނޑޫދޫ މިރުހުން ސްޕްރޭ ތައްޔާރުކޮށް ޖަހާނެ ކަމަށް ބުނުމުން އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން އަދި އެ ޕާޓީގެ ހުޅުމާލެ އުތުރު ދާއިރާ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ) ގެ ފޯނު ފުލުހުން ހިފަހައްޓައިފި އެވެ.
ޒާޔާގެ ފޯނު ފުލުހުން މިއަދު ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުންނެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ ޒާޔާގެ ފޯނު ހިފެހެއްޓީ އޭނާގެ ފޭސްބުކް އެކައުންޓުން "ފުލުހުންނަށް އިންޒާރުދީ" ކުރި ޕޯސްޓަކާއި ގުޅިގެން ކަމަށެވެ.
ކޯޓު އަމުރުގައިވާ ގޮތުން، ޒާޔާގެ ފޭސްބުކު ޕޯސްޓުގައި ލިޔެފައިވަނީ "17 ނޮވެންބަރަށް ތައްޔާރު ވުމަށް ކަނޑޫދޫ މިރުހުން ސްޕްރޭ ތައްޔަަރުކުރަން ފަށައިފިން. ހަމަ ޖެހީ ޖެހީ" މިފަދައިންނެވެ. އަދި ފުލުހުންގެ ފޭސްބުކް ޕޭޖު ޓެގުކޮށްފައިވެ އެވެ.
ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފުލުހުންގެ އޮފިސަރުންނާއި އެ އޮފިސަރުންގެ އާއިލާއަށް ނަފްރަތު އުފެދޭ ގޮތަށް އަދި ބިރު ހީވާގޮތަށް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފިނަމަ އެ މީހާކާ މެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
އަނިޔާކުރާ ފުލުހުންގެ ފޮޓޯ އާއި ވަނަވަރު ހާމަކުރާތީ އެފަދަ މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުސް އޮފީހުން ރޭ ވަނީ ދީފަ އެވެ.
ޒާޔާގެ ފޯނު ހިފަހައްޓައި މައްސަލަ ބަލަން ފެށިޔަސް، ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާގެ ބައިވެރިން މަރާލަން ގޮވާލާ ޕޯސްޓު ކުރި މީހާގެ މައްސަލަ ބަލަން މިހާތަނަށް ފަށާފައެއްނުވެ އެވެ.